ތޫފާންތަކާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ދެކުނު އަދި ދެކުނުއިރުމަތީ އޭޝިޔާގެ ގައުމުތަކުން މަރުވި މީހުންގެ އަދަދު 1250ށް އަރާކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. މިތޫފާންތަކުގެ އަސަރު އެންމެ ބޮޑަށް ކުރި އިންޑޮނޭޝިޔާ، ސްރީލަންކާ އަދި ތައިލެންޑުން މަރުވި މީހުންގެ އަދަދު މިވަރަށް ހުރިއިރު އަދިވެސް އެތައް ސަތޭކަ ބަޔަކު ގެއްލިގެން އަންނަނީ ހޯދަމުންނެވެ.
ދެ ސައިކްލޯން އަދި ޓައިފޫން އާއެކު މިސަރަހައްދުގެ ގައުމުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. ސައިކްލޯން އަކީ ދެކުނު ޕެސިފިކް ކަނޑުގައި އުފެދޭ ތޫފާނެކެވެ. ޓައިފޫނު އުފެދެނީ ހުޅަނގު އުތުރު ޕެސިފިކް ކަނޑުގައެވެ. މި ދެ ސަރަހައްދުން އުފެދުނު ވަރުގަދަ ތޫފާންތަކާއެކު ލަންކާ އާއި ތައިލެންޑްގެ ބޮޑު ސަރަހައްދަކާއި އިންޑޮނޭޝިޔާގެ ސުމަތްރާ އައިލެންޑް ވަނީ ފަސްގަނޑު ދަށުގައެވެ. މިއާއެކު މީހުން ސަލާމަތްކުރުމަށް ހަފްތާތަކެއް ހޭދަވާނެކަމަށް ވަނީ ބެލެވިފައެވެ.
ތޫފާން އާއެކު ލަންކާއަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުން އެގައުމުގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ. 1.1 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު އެގައުމަށް ވަނީ އިންސާނީ ކާރިސާއަކާ ކުރިމަތިވެފައެވެ.
އިންޑޮނޭޝިޔާގެ ސުމަތްރާ އުތުރު ޕްރޮވިންސް އެއްކޮށްހެން ވަނީ ބިންގަނޑު ކަނޑައިގެންގޮސްފައިކަމަށް ރިޕޯޓްތައް ބުނެއެވެ. އެގައުމުގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރ ޖެސިކާ ވޮޝިންގޓަން ބުނާގޮތުގައި މިއީ އޭނާގެ ހަޔާތުގައިވެސް އެންމެ ބޮޑަށް ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ފެނުނު ފަހަރުކަމަށް ބުނެފައެވެ.
ގައުމުތަކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ތޫފާންގައި ލަންކާއިން މަރުވި މީހުންގެ އަދަދު 410 ށް އަރާފައިވާއިރު 366 މީހަކު ގެއްލިގެން އަންނަނީ ހޯދަމުންނެވެ. ތައިލެންޑުން 181 މީހަކު މަރުވެގެން ރިޕޯޓްކޮށްފައިވާއިރު މެލޭޝިޔާއިން 3 މީހަކު އަދި އިންޑޮނޭޝިޔާއިން 659 މީހަކު މަރުވެގެން މިހާތަނަށް އައިއިރު ވަނީ ރިޕޯޓްކޮށްފައެވެ.
ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާ ކުރިމަތިވަނީ ކީއްވެ؟
މިސަރަހައްދުގެ ގިނަ ގައުމުތަކަކަށް އެއްފަހަރާ ތޫފާންތައް އަރާ ބޮޑެތި ގެއްލުންތައް ލިބުމާއެކު އެންމެ ބޮޑަށް ގިނަ ބަޔަކު ބަލަންބޭނުންވި ކަމަކަކީ މިކަންކަން މެދުވެރިވާ ސަބަބެވެ. މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާއެކު ލިބެމުންދާ ގެއްލުންތައް އިންތިހާއަށް އަންނަނީ އިތުރުވަމުންނެވެ.
އިންޑޮނޭޝިޔާ، ސްރީލަންކާ، ތައިލެންޑް، ވިއެޓްނާމް، މެލޭޝިޔާ އަދި ފިލިޕީންސް އަށް ވަނީ ފާއިތުވި ދުވަސްތަކުގައި ތޫފާންތަކާއެކު ވިއްސާރައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. ޓައިފޫން ކޯޓޯ އާއެކު ފިލިޕީންސްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސްފައިވާއިރު، ސައިކްލޯން ސޭނާ އާއެކު އިންޑޮނޭޝިޔާގެ އުތުރަށް ވަނީ ބޮޑެތި ގެއްލުންތައްވެފައެވެ. އަދި ތޫފާން ދިތުވާ އާއެކު ލަންކާ ވަނީ ފެނު އަޑީގައެވެ.
މިއިން ކޮންމެ ގައުމެއްގެ ރައްޔިތުންވެސް އެންމެ ބޮޑަށް އުފުލަމުންދާ ތަކުލީފަކީ ހުއްޓުމެއްނެތި ވެހެމުންދާ ވާރޭއާއެކު ދިމާވަމުންދާ ކަންކަމެވެ. ހުއްޓުމެއްނެތި ގިނަ އިރުތަކެއް ވަންދެން ވާރޭވެހުމުގެ ސަބަބުން އެގައުމުތަކުގައި ފެންބޮޑުވެ އެއާއެކު ބިންގަނޑު ކަނޑައިގެންދިޔުމުގެ ނުރައްކާތެރި ހާދިސާތައް ވަނީ ކުރިމަތިވެފައެވެ.
އޮސްޓްރޭލިއާގެ ސެންޓްރަލް ކްޔީންސްލޭންޑް ޔުނިވަރސިޓީގެ ޕްރޮފެސަރއެއް ކަމުގައިވާ ސްޓީވް ޓަރޓަން ވިދާޅުވާ ގޮތުގައި މުޅި ދުނިޔެއަށް މިފަހުން އަރާފައިވާ ތޫފާންތައް އެއީ ޓައިފޫންކަމަށްވިޔަސް، ހަރިކޭންކަމުގައިވެސް ސައިކްލޯންކަމުގައިވިޔަސް އެތޫފާންތަކުން ވެހޭ ވާރޭގެ މިންވަރު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މީގެކުރިން ތޫފާންތަކާއެކު ވާރޭ ވެހޭ މިންވަރަށްވުރެ ގިނައިން މިހާރު އަރާ ކޮންމެ ތޫފާނަކާއެކު ވާރޭވެހެއެވެ. އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް ސްޓީވް ވިދާޅުވިއެވެ.
ސައިކްލޯން ސޭނަރ، ސައިކްލޯން ދިތުވާ އަދި ޓައިފޫން ކޯޓޯ އަކީ އެންމެ ނުރައްކާތެރި ތޫފާންތަކުގެ ގޮތުގައި ބެލެވިފައިނުވަނީ އެތޫފާންތަކުން ވައިޖެހޭ މިންވަރު ހުރި ސްޕީޑުގެ ސަބަބުންކަމަށާއި ނަމަވެސް އެއިން ކޮންމެ ތޫފާނަކުންވެސް ވަރަށް ގިނައިން ވާރޭ ވެހޭކަން ސްޓީވް ފާހަގަކުރެއްވިއެވެ.
އޭގެ ސަބަބެއްގެ ގޮތުގައި ސްޓީވް ފާހަގަކުރެއްވީ ޖައްވުތެރޭގެ ހޫނު މިނާއި ކަނޑުގެ ހޫނު މިން މަތިވަމުންދިޔުމެވެ.
މިކަން އިތުރަށް ތަފްސީލުކޮށްދެއްވަމުން އިންޑިޔަން އިންސްޓިޓިއުޓް އޮފް ޓްރޮޕިކަލް މީޓިއޮރޮލޮޖީ ގައި މަސައްކަތްކުރައްވާ ކްލައިމެޓް ސައިންޓިސްޓެއްކަމުގައިވާ ރޮކްސީ މެތިއު ކޯލް ވިދާޅުވީ ގިނައިން ވާރޭވެހޭ ގޮތަށް ޓްރޮޕިކަލް ތޫފާން އުފެދެން މެދުވެރިވާ ސަބަބަކީ ކަނޑުގެ ހޫނުމިން މަތިވުންކަމުގައެވެ. އެއާއެކު ޖައްވުގެ ހޫނުމިން މަތިވުމުން ވައިގެ ތެއްކަން ހިފަހެއްޓިފައި ހުރުމަށްފަހު ތޫފާނާއެކު ބޯކޮށް ވާރޭވެހެއެވެ.
މިއަށްކިޔަނީ ފިނޯމިނަން ލަ ނީނާ އެވެ. ފިނޯމިނަން ލަ ނީނާ ގައި ވާ ގޮތަކީ ޕެސިފިކް ކަނޑުގެ އިރުމަތި އާންމު ގޮތެއްގައި ހުންނަ މިންވަރަށްވުރެ ފިނިވެ، ހުޅަނގު ސަރަހައްދު އާންމު ގޮތެއްގައި ހުންނަ މިންވަރަށްވުރެ ހޫނުވަނީއެވެ. މިއާއެކު ވައިބާރުވެ އެވަޔާއެކު ހޫނު ފެނާއި ވައިގެ ތެއްކަން ހުންނަ މިންވަރު އޭޝިޔާ ސަރަހައްދަށް ޖަމާވާ މިންވަރު އިތުރުކޮށްދެއެވެ.
މި ގޮތަށް ކަންތައް ދިމާވުމުން ޖައްވުގައި ވައިގެ ތެއްކަން ހުންނަ މިންވަރު އޭޝިޔާ ސަރަހައްދުގައި އިތުރުވެ ގިނައިން ވާރޭވެހެން ފަށައެވެ. މިއާއެކު ގިނައިން ވާރޭވެހި ފެންބޮޑުވާން ފަށައެވެ.
މިއާއެކު ތޫފާންތަކުގައި ވާރޭ ވެހޭ މިންވަރު އިތުރުވެފައިވާ ސަބަބު މިވަނީ ދެނެގަނެވިފައެވެ. ނަމަވެސް މިފަހުން މިއެރި ދެ ސައިކްލޯން އާއެކު ދެން ކުރި އަސަރުތައް ދެނެގަތުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ސްޓީވް ވިދާޅުވިއެވެ. ނަމަވެސް މިފަހުން ހަދާފައިވާ ދިރާސާތަކުން އެނގޭކަމަކީ ތޫފާންތަކާއެކު ވާރޭ ވެހޭ މިންވަރު އިތުރުވަމުން އަންނަކަމެވެ.
މޫސުމަށް އަންނަ ބަދަލުތަކާއެކު އަރަމުންދާ ތޫފާންތައް ވަރުގަދަވެ ވެހޭ ވާރޭގެ މިންވަރު އަންނަނީ އިތުރުވަމުންނެވެ. މިއާއެކު ލިބެމުންދާ ގެއްލުންތައްވެސް އަންނަނީ އިތުރުވަމުންނެވެ. މިއާއެކު އެނގޭކަމަކީ މޫސުމަށް އަންނަ ބަދަލުތަކަކީ ހަގީގަތެއްކަމެވެ. މިކަމަށް ގައުމުތައް ގުޅިގެން ކުރިމަތިލާ މިކަމަށް ހައްލެއް ގެންނަންޖެހޭކަމެވެ.