ފުވައްމުލަކު ސިޓީގެ ސަޕްލައި ފެނަށް ދިމާވި މައްސަލައާ ގުޅިގެން މިދިޔަ މަހަށް ބިލު ނުކުރާ ގޮތަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.
ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފުވައްމުލަކުގެ ފެނަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ރަނގަޅު ފެންވަރެއްގައި ފެނުގެ ހިދުމަތް އަލުން ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށެވެ.
ފެނަކައިން ބުނީ ވޭތުވެދިޔަ ދުވަސްތަކުގައި ފުވައްމުލަކު ފެނުގެ ނެޓްވޯކުގެ މަސައްކަތް ކުރަމުން ދިޔަ އިރު، އެކި ވަގުތުތަކުގައި ފެން ކެނޑުމާއި، ފެނުގެ ޕްރެޝަރު ދަށްވުންފަދަ ކަންކަން މެދުވެރިވެފައިވާ ކަމަށެވެ. އަދި އެ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތަ މިހާރުވެސް ކުރަންދާކަމުގައި ފެނަކައިން ފާހަގަކުރެ އެވެ.
އެހެންކަމުން މިކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި، މިދިޔަ މަހު ފުވައްމުލަކުގެ ފެނަށް ބިލު ނުކުރާގޮތަށް ނިންމާފައިވާކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
މީގެއިތުރުން، ފެނުގެ ހިދުމަތް ކެނޑި، ދިމާވި ދަތި ވަގުތުތަކުގައިވެސް، ފުއްވައްމުލަކު ރައްޔަތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ފެނަކައިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ފުވައްމުލަކުގެ ސަޕްލައި ފެނަށް މައްސަލަ ދިމާވެ ފެނުގެ ހިދުމަތް މެދުކެނޑުނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އަދި ދިމާވި މައްސަލަ ހައްލުކޮށް ފެން ދޫކުރަން ފަށާފައިވަނީ އެ މަހުގެ 13 ވަނަ ދުވަހު އެވެ.