ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން، ޤާޟީ ޙުސެއިން ފާއިޒު ރަޝާދު ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

ފާއިޒު މަޤާމުން ވަކިކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވިދާޅުވީ، ކޮމިޓީން ބަލަންޖެހޭ ހަމައެކަނި ކަމަކީ އިޖުރާޢަތްތައް ފުރިހަމަކޮށްފައިވޭތޯ ކަމަށާއި އެގޮތުން، ޖޭއެސްސީން ފޮނުވި ލިޔެކިޔުންތަކުން އިޖުރާޢަތް ފުރިހަމަކޮށްފައިވާކަން އެނގޭކަމަށާއި ޤާޟީ ފާއިޒުވެސް މިކަމާ ގުޅިގެން ރަސްމީކޮށް މަޖިލީހަށް އަދި އެހެން ތަނަކަށްވެސް ޝަކުވާއެއް ހުށަހަޅާފައެއް ނެތްކަމަށެވެ.

އެއާއެކު، ޤާޟީ ފާއިޒު ވަކިކުރަން ގޮތެއް ނިންމުމަށް ތަޅުމަށް ފޮނުވުމަށް އަޝްރަފް ހުށަހެޅުއްވުމުން، އެ ހުށަހެޅުއްވުމަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ތާއީދުކުރައްވައި، ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްކުރެއްވިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، ޖޭއެސްސީން މަޖިލީހަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ، ސ. ހިތަދޫ، ކޯޒީކޯނާ، ޢަލީ އަންވަރުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް ޤާޟީ ފާއިޒު ޢަމަލުކޮށްފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ، ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކޮށް، އެ މައްސަލާގައި ތުހުމަތުކޮށްފައިވާ ޢަމަލެއް ޤާޟީ ފާއިޒު ކޮށްފައިވާކަމަށް ސާބިތުވެފައިވާކަން ފާހަގަކޮށްފައެވެ.

މީގެއިތުރުން، ޤާޟީ ފާއިޒުގެ ޢަމުރަށް ބަންދުން ދޫކޮށްލި ޢަލީ އަންވަރަކީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ. މީގެކުރިން ފުލުހުން ވަނީ، 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައިވެސް އޭނާ ހައްޔަރުކޮށްފައެވެ. އޭގެފަހުން ފެންމަތިވި އިތުރު މައްސަލައެއްގައި 5 ދުވަހަށް އޭނާ ބަންދުކުރުމަށް ޢަމުރު ކުރުމަށްފަހު، މުއްދަތު ހަމަވާތީ އަނެއްކާވެސް އޭނާ ކޯޓަށް ޙާޟިރުކުރުމުން އެއްވެސް ޝަރުތަކާ ނުލައި، ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާގޮތުން ފަނޑިޔާރަކު ވަކިކުރެވޭނީ، ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ނުވަތަ އެ މަޤާމަށް އެކަށީގެންނުވާ ފަދަ ޢަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ޤަބޫލުކުރެވިގެން، އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.