ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމަށް ކަނޑައަޅާފައިވާ މުއްދަތު ފަސްކުރުމަށް ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.
މިހާރު ގާނޫނު އޮތްގޮތުން ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސް ދުވަހުގެ ތެރޭގައި ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ފިނޭންސް މިނިސްޓަރު އެކުލަވާލައްވަން ޖެހެ އެވެ. އެގޮތަށް ފާސްކުރީ ވެސް މި ވެރިކަމުގައި މިދިޔަ އަހަރުގެ ތެރޭގަ އެވެ.
މިއަދު ފާސްކުރި އިސްލާހާއެކު ފިނޭންސް މިނިސްޓަރު އެކުލަވާލައްވާ ފުރަތަމަ ޗާޓަރު ހަދަންޖެހޭ މުއްދަތު މިހާރު 24 މަސް ދުވަހަށް މިވަނީ ބަދަލުވެފަ އެވެ.
މި ގޮތަށް އިސްލާހު ފާސްކުރީ ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ.
އިސްލާހު ހުށަހަޅުއްވަމުން އަނާރާ ވިދާޅުވީ މި އިސްލާހަކީ މި ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ދައުލަތުގެ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އެ ޗާޓަރު އެކުލަވާލުމާގުޅޭ އުސޫލުތައް މުރާޖާކުރުމަށްޓަކައި ހުށަހަޅާ އިސްލާހުތަކެއް ކަމަށެވެ. މި ޗާޓަރުގެ ބޭނުމަކީ ކޮންމެ ރިޔާސީ ދައުރެއްގެ ފިސްކަލް ޕޮލިސީ ހަރުދަނާ އަދި ދެފުށް ފެންނަގޮތަކަށް ހާމަކޮށް ފެންނަން އޮތުމެވެ.
މީގެއިތުރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލުގައިވާގޮތުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް (ޕީއެސްއައިޕީ)ގެ ދަށުން ހިންގަން ރާވާފައިވާ ޕްރޮގްރާމްތައް ބަޖެޓްގައި ހިމެނުމުގެ ކުރިން އެ ޕްރޮގްރާމްތަކުގެ ފީޒިބިލިޓީ ވަޒަންކޮށް އެކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ އިގްތިޞާދީ އަދި މާލީ މަންފާ އާއި އިޖުތިމާއީ މަންފާ އަދި ހަރަދުތަކާއި އެޕްރޮގްރާމްތަކުން ލިބިދާނެ ގެއްލުންތައް ދައުލަތުގެ ފިސްކަލް ޕޮލިސީ ކަނޑައަޅާއިރު ފިނޭންސް މިނިސްޓަރ ވަޒަންކުރަންޖެހޭކަމަށް އޮތްއޮތުމަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.