އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާތީ، ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓްރީ ކުރުމުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަދި ހާއްސަކޮށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން، އެ މަސައްކަތް ކުރަމުންދާއިރު، ބިދޭސީންގެ ނަމުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ، ގާނޫނާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހަށް އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނެއް ހުށަހަޅާފަ އެވެ. އެ ގާނޫނުގައި ބިދޭސީންނަށް ލައިސެންސް ދިނުމުގައި އަމަލުކުރާނެ ގޮތްތަކާއި ލައިސަންސް ހިފެހެއްޓޭނެ ހާލަތްތައްވެސް ހިމަނާފައިވެ އެވެ. އަދި ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކާމެދު އަމަލުކުރާނެ ގޮތްތަކާއި، ޓްރެފިކް ފުލުހުންގެ ޒިންމާތައްވެސް އެ ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

މާލޭގައި އުޅަނދު ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް މިނިސްޓަރު އަމީން މީގެކުރިން ވިދާޅުވެފައިވެ އެވެ.

މާލޭގެ ތޮއްޖެހުމުގެ މައްސަލަ އާއި ގަވާއިދާ ހިލާފަށް އުޅަނދު ގެންގުޅޭ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން ވަނީ ރަޖިސްޓްރީ ނުކޮށް އުޅަނދު ބެހެއްޓުމާއި، ނުބައި ނަންބަރު ޕްލޭޓް ބޭނުން ކުރުމާއި، ޒޯން ބަދަލު ކޮށްގެން ވެހިކަލް ގެންގުޅޭ މައްސަލައިގައި، ގަވާއިދާ އެއްގޮތަށް ބަދަލު ކުރުމަށް މި އަހަރުގެ މާޗު މަހުން ފެށިގެން ފުރުސަތު ދީފަ އެވެ. އެއް އަހަރުގެ މި ފުރުސަތު ހަމަވާއިރު ގަވާއިދަށް ނުފެތޭ އުޅަނދުތައް ގާނޫނުގައިވާ ގޮތަށް ނައްތާލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.