ސްރީ ލަންކާގެ އިތުރުން ވިއްސާރައިގެ އަސަރު ކުރި އެހެން ގައުމުތަކަށާއި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއްވި ހޮންގް ކޮންގްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރު ދެކުނު އޭޝިޔާގެ ގައުމުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މޫސުން ބަދަލުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ވަރަށް ގެއްލުންދެނިވި ގޮތަކަށް ހަނދާންކޮށްދެމުންދާ ކަމަށެވެ.
މި ވިއްސާރައިގެ ސަބަބުން އަވަށްޓެރި ގައުމުތައް ކަމަށްވާ ތައިލަންޑް، ވިއެޓްނާމް އަދި އިންޑޮނޭޝިޔާއަށް ދިމާވީ ގެއްލުންތަކާއި މެދު ރާއްޖެ ހިތާމަކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
ލަންކާއަށް ތައުޒިޔާ ފޮނުއްވާ ވަކިން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލަންކާގެ މޫސުން ގޯވެ، އެ ޤައުމަށް ކުރި ބޯ ވިއްސާރާގައި ގިނަ ބަޔަކު މަރުވެ، އެތައް ތަނަކަށް ގެއްލުންވުމުން ހިތާމަކުރާ ކަމަށެވެ. އަދި ލަންކާއަށް ދިމާވެފައިވާ ހިތްދަތި މި ދަނޑުވަޅުގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހިން ދެމިތިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސްރީލަންކާއަށް ވަނީ 300 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އެއީ އެ ޤައުމަށް މިހާތަނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވާރޭ ވެހިފައިވާ އެންމެ ގިނަ މިންވަރެވެ. ސްރީ ލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ އެ ޤައުމުގައި ފުރަތަމަ ފަހަރަށް ރަތް ސަމާލު އިޢުލާނުކޮށް، މޫސުން ވަރަށް ގޯސް ކަމުގެ އިންޒާރު ދީފައެވެ.
މީގެ އިތުރުން ޗައިނާގެ ހޮންގް ކޮންގްގައި ހިނގައިދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގޮސްފައިވާތީ އެކަމުގެ ހިތާމާގައި ވެސް ރާއްޖެއިން ބައިވެރިވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައީސް ޝީ ޖިން ޕިން އަށާއި ޗައިނާގެ ސަރުކާރަށް އަދި އާއިލާތަކަށް ރައީސް ތައުޒިޔާ ފޮނުއްވާފައިވެ އެވެ. އަދި މި އަލިފާނުގެ ހާދިސާގައި ހަރަކާތްތެރިވާ ރެސްކިޔު ޓީމްތަކަށް ހިތްވަރު ދެއްވާ އެމީހުން ކުރަމުންދާ ހިތްވަރު ގަދަ މަސައްކަތް ފާހަގަކޮށްފައިވެ އެވެ.
ހޮންގް ކޮންގްގެ ޓައި ޕޯގައި ހުންނަ ވޭންގް ފުކް ޓަވަރުތަކުގައި ހިނގި އަލިފާނުގެ ހާދިސާގައި 128 މީހުން މަރުވެފައިވާއިރު 200 މީހުން އަދިވެސް ފެނިފައިނުވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެ އެވެ. މި ޓަވަރުތަކަކީ ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ތަރައްގީކޮށްފައިވާ ޓަވަރުތަކެކެވެ. އަލިފާން ރޯވި ސަރަަހައްދުގައި މީގެ 32 ފަންގިފިލާގެ 8 ޓަވަރު ހުއްޓެވެ.
މި ހާދިސާއާ ގުޅިގެން ވޭންގ ފުކް ކޯޓުގެ ޓަވަރުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ކުންފުނީގެ ދެ ޑިރެކްޓަރުންނާއި އިންޖިނިއަރިން ކޮންސަލްޓަންޓު އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އަލިފާންގަނޑު ބޮޑަށް ފެތުރުނީ ކުންފުނީގެ އިހުމާލުންނެވެ. އެގޮތުން މަރާމާތު ކުރުމުގެ މަސައްކަތުގައި ބޭނުންކޮށްފައިވަނީ މިންގަނޑަށް ފެތޭ ސާމާނު ނޫން ކަމަށް ވުމުން އަލިފާންގަނޑު ބޮޑަށް ފެތުރުނު ކަމަށް މީޑީއާ ތަކުން ރިޕޯޓު ކޮށްފައިވެ އެވެ.
އެ ގައުމުގެ ސަރުކާރުން ވަނީ ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރުމަށް ނިންމާފަ އެވެ.