ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދު ވުމުގެ ސަބަބުން ދިމާވެފައިވާ ދަތިކަން ހައްލު ކުރުމަށްޓަކައި ދާއިމީ މިސްކިތްތަކެއް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ޑިސެމްބަރު މެހު ތެރޭ ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިސްލާމީ ކުތުބުހާނާ އާއި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް މިއަދު ހއ. ދިއްދޫގައި ހުޅުވުމާއި ގުޅިގެން ރައީސް ވިދާޅުވީ ދިއްދޫގައި އިސްލާމީ ކުތުބުހާނާ ހުޅުވިގެން ދިޔައީ މަޝްރޫއުތައް ނިންމުމަށް ސަރުކާރުން ދޭ ބޮޑު އަހައްމިއްޔަތުކަމުގެ ސަބަބުން ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށް ކަމަށެވެ. އެގޮތުން ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަސައްކަތް ނިމި ރަމަޟާން މަހުގެ ކުރިން ހުޅުވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތެއް ވެސް ހިމެނޭކަމަށާއި ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުވުމުގެ ސަބަބުން ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށްޓަކައި ފެސް 2ގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ޑިސެމްބަރު މަހު ފަށާނެކަމަށް ރައީސް ވިދާޅުވި އެވެ.

ފޭސް 2 ގައި ދާއިމީ މިސްކިތްތަކެއް ބިނާ ކުރުމުގެ މަސައްކަތް ފަށާނެކަމަށް ރައީސާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާއިރު އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސް ޖޭ ކޮންސްޓްރަކްޝަން އިން ފޭސް 2 ގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް ނުނިމި ލަސްވާތީ ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އެ މިސްކިތް ނިންމޭނެ ދުވަހެއް އެނގިލައްވާތޯ އިސްލާމިކް މިނިސްޓަރާ ދާދި ފަހުން ވެސް ގިނަ ބަޔަކު ސުވާލުކޮށްފައިވެ އެވެ.

މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މަގުސަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެެއްބައިވަންތަކަން ގާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުންކަމަށް ރައީސް ވިދާޅުވި އެވެ.

ދިއްދޫގައި ގާއިމްކުރި އިސްލާމީ ކުތުބުހާނާ އާއި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފީގެ މަޝްރޫއަށް ސަރުކާރުން 50 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިއީ އެއްފަހަރާ 1500 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ.