އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރަގައި 600 އަށް ވުރެ ގިނަ ގެއަށް ގެއްލުންވެ މަރުވި މީހުންގެ އަދަދު 56 އަށް އަރައިފި އެވެ.

ބޯކޮށް ވާރޭ ވެހުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި ބުރާސްފަތި ދުވަހު ސްރީލަންކާގެ މެދުތެރޭގައި ހުންނަ ފަރުބަދަމަތީ، ސައިހައްދާ ބަޑުއްލާ އަދި ނޫރަލިޔާ ސަރަހައްދުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި އެކަނިވެސް 25 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. މި ސަރަހައްދުތައް ހުންނަނީ ވެރިރަށް ކޮލޮމްބޯއިން އިރުމައްޗަށް ގާތްގަނޑަކަށް 300 ކިލޯމީޓަރު (186 މޭލު) ދުރުގައެވެ.
ސްރީލަންކާގެ އެހެން ބައެއް ސަރަހައްދުތަކުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައިވެސް އިތުރު މީހުން މަރުވެފައިވެ އެވެ. ސްރީލަންކާ ސަރުކާރުގެ ކާރިސާ މެނޭޖްމަންޓް ސެންޓަރުން ބުނެފައިވާ ގޮތުގައި، ބަޑުއްލާ އަދި ނޫރެލިޔާ ސަރަހައްދުން އިތުރު 21 މީހުން ގެއްލިފައިވާއިރު، 14 މީހުންނަށް އަނިޔާވެފައިވެ އެވެ. އަދި ޖުމްލަ ގޮތެއްގައި އެ ގައުމުގެ އެކި ހިސާބުތަކުން 23 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓު ކުރެ އެވެ.
ލަންކާގެ މޫސުން ގޯސްވުމުގެ ސަބަބުން ބައިނަލްއަގްވާމީ ދަތުރުތަކަށް ވެސް ހުރަސްތައް ކުރިމަތިވެފައިވެ އެވެ. ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ މެންދުރުފަހުގެ ނިޔަލަށް، މަސްކަޓް، ދުބާއީ، ނިއުދިއްލީ އަދި ބެންކޮކުން ފުރައިގެން އައި 15 ފްލައިޓު ކޮލޮމްބޯގައި ހުންނަ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ސްރީލަންކާގެ ދެކުނުގެ ޕްރޮވިންސެއް ކަމަށްވާ މައްޓާލާގައި ހުންނަ މައްޓާލާ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކޮށްފައިވެ އެވެ. އަދި އިންޑިއާގެ ތިރޫވަނަންތަޕޫރަމް އާއި ކޮޗީއަށް ވެސް ފްލައިޓްތައް ބަދަލުކޮށްފައިވެއެވެ.
އެ ގައުމުގެ މޫސުން ގޯސްވަމުން ދިއުމާއެކު، ސަރުކާރުން ވަނީ ހުކުރު ދުވަހު ހުރިހާ ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދުކުރަން އިއުލާނުކޮށްފައެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ ފެންގަނޑުތަކާއި ކޯރުތައް ފުރި ބަންޑުންވެ، މަގުތައް ވަނީ ބަންދުވެފަ އެވެ. ލަންކާގެ ގިނަ ސަރަހައްދުތަކުގައި ހިލަ އާއި ކިސަޑު އަދި ގަސްތައް މަގުތަކާއި ރޭލުވޭތަކުގެ މައްޗަށް ވެއްޓި ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
ބައެއް އާއިލާތައް ގެތަކުގެ ފުރާޅު މަތީގައި ތާށިވެފައި ތިބިކަން ފާހަގަކޮށް މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވާ ޓީމުތަކުން އަންނަނީ ހެލިކޮޕްޓަރުތަކުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިހާތަނަށް 12،300އަށް ވުރެ ގިނަ އާއިލާތަކުން 43،900އަށް ވުރެ ގިނަ މީހުން ގެތަކުން ނެރެ ސްކޫލްތަކާއި ޕަބްލިކް ޝެލްޓާތަކަށް ބަދަލުކޮށްފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކުރެ އެވެ.
