ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރުދިން މީހާ 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ޖަލު ހުކުމް އިއްވީ، ހ. ލައިޓްނައިޓް، އިސްމާއީލް ޔާފިސްގެ މައްޗަށެވެ.

ޔާފިސްގެ މައްޗަށް ދައުވާ އުފުލީ 2021 ވަނަ އަހަރު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށާއި، ފުލުހުންގެ ހިދުމަތުގެ ތަހުގީގުގައި އަދި ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދޭނެކަމަށް ބުނެ އިންޒާރުދީފައިވާ މައްސަލާގަ އެވެ.

އެ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވެ، ފަރުވާ ހޯއްދަވަން އިނގިރޭސިވިލާތަށް ވަޑައިގެން ހުންނަވަނިކޮށް ޔާފިސް ވަނީ ފޭސްބުކްގައި ނަޝީދަށް އިންޒާރުދީފަ އެވެ. ޔާފިސް ފޭސްބުކްގައި ބުނެފައިވަނީ ރައީސް ނަޝީދު އަލުން ރާއްޖެ ވަޑައިގެންފި ނަމަ "އަބޫޖަހުލަށް ހެދި ގޮތް" ހަދާނެ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގައި ޔާފިސް އާއި ދައުލަތާ ދެމެދު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އޭނާ 10 އަހަރަށް ޖަލަށްލުމަށް މި މަހުގެ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެ އެވެ. އޭގެތެރެއިން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުން ދެ އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު، ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރުދިނުމުން ތިން އަހަރު އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުން ފަސް އަހަރުގެ ޖަލު ހުކުމެއް ހިމެނޭހެން، ޖުމްލަ 10 އަހަރަށް އޭނާ ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.