ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށްގެންދިޔައީ ނޭޕާލުގެ ވެރި ރަށް ކަތަމަންޑޫގައި ބޭއްވި ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަންގެ އެނަރޖީ ވޯކިންގ ގްރޫޕްގެ ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދެއް ބައިވެރިވެފައިވާއިރު، މި ވަފުދުގެ އިސްވެރިއަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން އަގީލް ނަސީރެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޝްވަރާތައް ބިނާވެފައިވަނީ ސަރަހައްދީ ހަކަތައިގެ ދާއިރާއިން ގައުމުތަކުގެ އެއްބާރުލުން އިތުރުކުރުމުގެ މައްޗަށެވެ. މީގެ ތެރޭގައި ގްރީން ފައިނޭންސްގެ ފުރުސަތުތަކާއި، ސާފު ހަކަތައަށް ބަދަލުވުމުގެ މަސައްކަތްތައް ހަލުވިކުރުން ހިމެނެ އެވެ. އަދި ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމު (ޓްރާންސްމިޝަން އަދި ސަޕްލައި ޗެއިން) އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ ތަފްސީލީ މަޝްވަރާތަކެއް ކޮށްފަ އެވެ.

މިފަދަ ބައްދަލުވުންތަކަކީ ރާއްޖެ އާއި ސަރަހައްދުގެ އެހެން ގައުމުތަކާ ދެމެދު ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސް ހޯދުމަށް މަގުފަހިކޮށްދޭ މުހިންމު ފުރުސަތެއް ކަމުގައި ސަރުކާރުން ފާހަގަކުރެ އެވެ.