އަންނަ ޑިސެމްބަރު މަހު މާލޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕަށް ރާއްޖޭގެ ގައުމީ ކެރަމް ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވަމުންދާ ކަމަށް ޓީމުގެ މެނޭޖަރު ހުސައިން އަލީ ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު ހެންވޭރު ބޯޅަގޭގައި ބޭއްވި ގައުމީ ކެރަމް ޓީމުގެ ޕްރެސް ކޮންފަރެންސްގައި ހުސައިން ވިދާޅުވީ، މިފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި ރާއްޖެ ތަމްސީލުކުރުމަށް ނެގިފައިވާ ޓީމަކީ މިވަގުތަށް ބަލާއިރު ނެގެން އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށެވެ.
ހުސައިން ވިދާޅުވީ ގައުމީ ކެރަމް ޓީމުގެ ތައްޔާރީތައް ކުރިއަށްގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، ފުރަތަމަ ތަމްރީނުތަކަށް ފަހު ދެން ކުރިއަށްގެންދިޔައީ މުބާރާތުގެ ޑްރިލްއެއް ކަމަށާއި، މިހާރު ކުރިއަށްދަނީ އިންޑިއާގެ ތަޖުރިބާކާރު ދެ ޓްރެއިނަރުން ގެނެސްގެން ހާއްސަ ތަމްރީނުތައް ހޯދުމާއި ޓީމުގެ ކޮންފިޑެންސް އިތުރުކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، ހުސައިން ރައުޝާން ވަނީ ވިދާޅުވީ، އަމިއްލަ ގައުމުގައި، ސަޕޯޓަރުންގެ ކުރިމަތީގައި މިވަރުގެ ބޮޑު މުބާރާތެއްގައި ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް ކުޅޭއިރު، ސަޕޯޓަރުންގެ ތަރުހީބަކީ ގައުމީ ކެރަމް ޓީމުގެ ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށެވެ.
އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ކެރަމް ވޯލްޑް ކަޕްގެ ޓޯނަމަންޓް ކޮމިޓީގެ މެންބަރުންނާއި، ސްޕޯޓްސް މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މިފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ސްކޮޑުގައި ހިމެނެނީ، އިބްރާހީމް ހުޖާން އަލީ، ހަސަން ނާޒިމް، އިސްމާއީލް އަޒްމީން، މުހައްމަދު މުންތަސިރު އަދި އާދަމް އަދީލް އެވެ. އަންހެން ޓީމުގައި ހިމެނެނީ، އައިމިނަތު ވިޝާމާ، އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް އަދި ފާތިމަތު ރަޔާނާގެ އިތުރުން އައިޝަތު ނަހުފާ އެވެ.
ކެރަމް ވޯލްޑް ކަޕް ކުރިއަށްދާނީ އަންނަ ޑިސެމްބަރު މަހުގެ 2 އިން 6 ގެ ނިޔަލަށް، ބާސެލޯ ނަސަންދުރާގަ އެވެ. މުބާރާތުގައި ދުނިޔޭގެ އެކި ބައްރުތަކުން 17 ގައުމަކުން 152 އެތުލީޓުން ވާދަކުރާނެ އެވެ. މިއީ ކެރަމްގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވާ ކެރަމް ވޯލްޑް ކަޕް ކަމަށް ވާއިރު، މި މުބާރާތް ރާއްޖޭގައި ބޭއްވިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަހުރެއް ކަމުގައި ކެރަމް އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.
ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު، ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގަ އެވެ.
މިފަހަރުގެ މުބާރާތަކީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމު އިވެންޓުން ލޯ މެޑަލް ހާސިލްކޮށްފަ އެވެ.