ބުރާސްފަތި ދުވަހުގައި ސްރީލަންކާއަށް އެރި ތޫފާން 'ޑިޓުވާ' ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ހިއްސާކުރި މޫސުމާބެހޭ މައުލޫމާތުގައި ބުނެފައިވަނީ ތޫފާން 'ޑިޓުވާ' ދަތުރު ކުރަމުންދަނީ ރާއްޖެއާއި ދުރަށް ކަމަށާއި އުތުރުހުޅަގުއުތުރަށް، އިންޑިއާގެ އުތުރު ޓަމިލްނާޑޫ، ފޫޑޫޗެރީ އަދި އަންދްރަ ޕްރަދޭޝްގެ ދެކުނު އައްސޭރި ފަށާއި ދިމާއަށްކަމަށެވެ. އަދި މި ތޫފާން މިހާރު ހުރީ ސްރީލަންކާގެ އުތުރު އައްސޭރިފަށުގައި، ހއ.ކެލާގެ އިރުއުތުރުން ގާތްގަނޑަކަށް 879 ކިލޯމީޓަރު ދުރުންގައި ކަމަށްވެސް އެ އިދަރާއިން ވަނީ ބުނެފަ އެވެ.

ފާއިތުވި 48 ގަޑިއުރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަ ކޮށްފައިވެ އެވެ. އެގޮތުން އިއްޔެ މެންދުރު ފަހުން ފެށިގެން ރޭގަނޑު އަށަކަށް ބ އަތޮޅުން ފެށިގެން ލ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ވަނީ ހުދު ސަމާލު ނެރެފަ އެވެ.

ހުދުސަމާލު ނެރެފައިވަނީ މި ތޫފާނާ ގުޅިގެން، މެޓުއޮފީހުގެ އެލާޓް ދަރަޖަ ކުރެވިފައިވާ ސަހައްދަށް ތޫފާން ވަނުމުން ކަމަށާއި މިކަމާ ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރުވެސް ދެކުނާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށްވެސް މެޓުން ވަނީ ބުނެފަ އެވެ.

'ޑިޓުވާ" ތޫފާނުގެ ސަބަބުން ބުރާސްފަތި ދުވަހު މޫސުން އިތުރަށް ގޯވެސް އަވަށްޓެރި ލަންކާގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. އެގޮތުން ފެންބޮޑުވެ އެތައް ގެއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށްވެސް އެގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ.

މީގެއިތުރުން މި ތުފާނާ ގުޅިގެން 56 މީހަކު މަރުވެފައިވާކަން ފާހަގަވެއެވެ. އަދި މެޓް އޮފީހުން ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނަގޅުވާނެކަމަށް ލަފާކޮށްފަ އެވެ.