ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކުގެ ކުރިން ސުވާލާއި ހިޔާލު ހުށަހަޅަން ޖެހޭ ކަމަށްބުނެ ފަތުރާ ވާހަކަތައް ދޮގުކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ހީނާ ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަންޖެހޭ ކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއްކަމަށެވެ.
ހީނާ ވިދާޅުވީ މީގެ ކުރިން ބޭއްވި އެފަދަ ބައްދަލުވުންތަކުގައި ބައިވެރިވި ކޮންމެ މީހަކަށްވެސް އެމީހެއްގެ ހިޔާލާއި ކަންބޮޑުވާ ކަންކަމާ ބެހޭގޮތުން މިނިވަންކަމާއެކު އެމީހަކު ދައްކަން ބޭނުންވާ ވާހަކައެއް ދެއްކުމުގެ ފުރުސަތު ރައީސް ދެއްވާފައިވާ ކަމަށެވެ.
ކުރިއަށް ހުރި ބައްދަލުވުންތަކުގައިވެސް އަމަލުކުރައްވާނީ އެ އުސޫލުން ކަމަށާއި އެއްވެސް މީހަކު ދުރާލައި ސުވާލު ނުވަތަ ހިޔާލު އެއްވެސް ފަރާތަކާ ހިއްސާކުރަން ނުޖެހޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.
މި ހަފުތާގައި މާލޭގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ފައްޓަވާފައިވާ އިރު، އެ ބައްދަލުވުންތައް ކުރިއަށްގެންދަނީ ރައްޔިތުންގެ ހިޔާލު ނުވަތަ ސުވާލު ހިއްސާކުރެވޭ ގޮތަށެވެ.