ދިވެއްސެއްގެ ނިވަލުގައި ފިލައިހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އެންމެން އެއްރޫޙެއްގައި އެކުގައި މަސައްކަތްކުރަންޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވެފައިވަނީ ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސައީދު ވިދާޅުވީ ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމަވާ، މިފަދަ ވިޔަފާރި ރިޕޯޓްކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ، ރައްޔިތުން ނުހަނު ކަންބޮޑުވާ ޒަމާންވީ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް ލިބުނު އިތުރު ބާރެއްކަމަށެވެ. އަދި މިފަދަ ކޮންމެ ކަންބޮޑުވުމެއް ޙައްލުކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެންކަމަށް އޭނާ ވިދާޅުވިއެވެ.
ބިދޭސީން ނުގަވާއިދުން ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހުއްޓުވައި، ފުރިހަމަ ބާރުވެރިކަމާއެކު ފިޔަވަޅުތައް ތަންފީޒުކުރުމަށް މި ސަރުކާރުން ވަނީ ޤާނޫނީ ބާރުވެރިކަން އިތުރުކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ 1979 ވަނަ އަހަރު ހަދާފައި އޮތް ފޮރިން އިންވެސްޓްމަންޓް ޤާނޫނު، 46 އަހަރަށްފަހު ނިމުމަކަށްގެނެސް، މާޒީގެ ތަޖުރިބާތަކުގެ އަލީގައި މައްސަލަތައް ޙައްލުކުރެވޭނެ ހަރުދަނާ ޤާނޫނެއް މުޅީން އަލަށް އެކުލަވާލާފައިވާކަމަށެވެ. އަދި އަންނަ ހަފުތާއިން ފެށިގެން މި މަސައްކަތް ހަލުއިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެމުންދާތަން ފެންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.