ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ ކައުންސިލް އިމާރާތްތަކުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޔާމިން ޢަބްދުވައްހާބު ވިދާޅުވީ ޗައިނާގެ ސަރުކާރުގެ އެހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

އެގޮތުން މި މަސައްކަތް ފެށުމަށްޓަކައި ވޭތުވެދިޔަ 3 މަސްދުވަހުގެ ތެރޭގައި ގިނަ ރަށްތަކެއްގައި ދިރާސާ ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ، އަދި އެ ދިރާސާއިން ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓާއެކު މިހާރު އެ ޓީމުން އެނބުރި ޤައުމަށް ގޮސް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ފަށާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި 50 ކައުންސިލް އިދާރާއެއްގެ ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. ޔާމިން ޢަބްދުވައްހާބު ވިދާޅުވީ ޗައިނާގެ އެހީގައި ތަރައްޤީކުރާ ކައުންސިލް އިމާރާތްތައްވެސް ވާނީ ފެންވަރު ރަނގަޅު ރާއްޖެއާ ގުޅޭ އިމާރާތްތަކަކަށް ކަމަށެވެ.