ސްރީލަންކާއަށް ވަރޭ ނުވެހޭ މިންވަރަށް އެ ޤައުމަށް ވާރޭވެހުމާ ގުޅިގެން މަރުވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލަންކާގެ މޫސުން ގޯވެ، އެ ޤައުމަށް ކުރި ބޯ ވިއްސާރާގައި ގިނަ ބަޔަކު މަރުވެ، އެތައް ތަނަކަށް ގެއްލުންވުމުން ހިތާމަކުރާ ކަމަށެވެ. އަދި ލަންކާއަށް ދިމާވެފައިވާ ހިތްދަތި މި ދަނޑުވަޅުގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހިން ދެމިތިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސްރީލަންކާއަށް ވަނީ 300 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އެއީ އެ ޤައުމަށް މިހާތަނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވާރޭ ވެހިފައިވާ އެންމެ ގިނަ މިންވަރެވެ. ސްރީ ލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ އެ ޤައުމުގައި ފުރަތަމަ ފަހަރަށް ރަތް ސަމާލު އިޢުލާނުކޮށް، މޫސުން ވަރަށް ގޯސް ކަމުގެ އިންޒާރު ދީފައެވެ.
އާދަޔާ ޚިލާފަށް ވައި ގަދަވެ، ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތަކާ ސްރީ ލަންކާއިން ކުރިމަތިލަމުންދާއިރު، އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރު (ޑީއެމްސީ)ން ބުނީ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 47 މީހުން މަރުވެ، 21 މީހުން ގެއްލިފައިވާ ކަމަށެވެ.