އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ ރާއްޖޭގައި ބޭރު މީހުން ވިޔަފާރިކުރުން މަނާ ދާއިރާތަކުން ވިޔަފާރި ކުރަމުންދާ ބިދޭސީންގެ މައުލޫމާތު އިނގޭ ނަމަ އެކަން ލަސްނުކޮށް ރިޕޯޓް ކުރުމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކުރި އިުލާނެއްގައި ބުނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާ ކަމަށެވެ. އެގޮތުން، ގަވާއިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެއީ ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު އޭގެތެރެއިން ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު ފާސްކޮށް، ސަރުކާރުގެ ގެޒެޓުގައި ސެޕްޓެމްބަރު 3 ގައި ޝާއިއުކުރި ފޮރިން އިންވެސްޓްމަންޓް ގާނޫނު 2024/11 ގެ ދަށުން، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު އާންމުކޮށްފައެވެ. އެ ލިސްޓްގައި ޖުމްލަ 34 ދާއިރާއެއް އާންމުކޮށްފައިވާ އިރު މީގެ ތެރެއިން މިހާރު ވެސް ބައެއް ދާއިރާތަކަކީ ބިދޭސީން މަސައްކަތް ކުރާ ދާއިރާތަކެވެ.

މި ލިސްޓްގައިވާ ދާއިރާތަކުން ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާ ނަމަ ރިޕޯޓްކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. އެގޮތުން ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މައުލޫމާތު، އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ރިޕޯރޓް ކުރުމަށް ވަނީ އެދިފައެވެ. ނުވަތަ މިނިސްޓްރީގެ ހޮޓްލައިނަށް ރިޕޯޓްކުރެވޭނެ ކަމަށާއި ހޮޓްލައިން އަށް ރިޕޯޓްކުރެވޭނީ ހެނދުނު 8:00 – ރޭގަނޑު 8:00 އަށް ކަމަށް އެ މިނިސްޓްރީން ބުނެފަިވެއެވެ.

މީގެއިތުރުން އިމިގްރޭޝަން ވޮޗް އަށް ރިޕޯޓް ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން ލިބޭ މައުލޫމާތް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި މި މިނިސްޓްރީ އަދި މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން، ސަރުކާރުގެ ތަންފީޒީ އިދާރާތައް ހިމެނޭ ގޮތަށް ގާއިމްކޮށްފައިވާ "ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ހުށައެޅުމުގައި، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މައުލޫމާތު ފޯރުކޮށް ދެވޭނެ އިންތިޒާމް ވެބްސައިޓް މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.