ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ކުރިއަށްގެންދާ 'އިންޓަރގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯރކް' (އާރްޓީއެލް) މަޝްރޫޢުގެ ދަށުން، އަންނަ އާދީއްތަ ދުވަހުން ފެށިގެން ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު ފެރީގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.
މިއީ މި މަޝްރޫޢުގެ ދެވަނަ ފިޔަވައްސާގައި ހިމެނޭ ޒޯން ދޭއްގެ ތެރެއިން ފަށާ ޚިދުމަތެކެވެ. މި ދެ އަތޮޅު ގުޅާލުމަށް ކަނޑައަޅާފައިވަނީ ނ. މަނަދޫ އާއި ރ. އުނގޫފާރެވެ. އާރްޓީއެލް ޚިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނީ، މި ދެ އަތޮޅުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަ ގުނަ ފައިދާތަކެއް މި ޚިދުމަތް ފެށުމާއެކު ލިބިގެންދާނެ ކަމަށެވެ. މި ޚިދުމަތަށް ބޭނުންކުރާނީ 32 ފަސިންޖަރުންގެ ޖާގައިގެ ފެރީއެކެވެ.
މިއީ ރާއްޖޭގެ އަތޮޅުތައް ފެރީގެ ނިޒާމުން ގުޅުވާލުމަށް ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ.އެމްޓީސީސީން ހާމަކުރެއްވި ގޮތުގައި، މި ފެރީގައި އެންސްޕާގައި ރަޖިސްޓަރު ކުރެވިފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެ ސީޓު ޚާއްސަކުރެވިފައިވާނެއެވެ. އަދި އާރްޓީއެލްގެ ޚިދުމަތަކީ ރަސްމީކޮށް އަގު ނަގައިގެން ދެމުން އަންނަ ޚިދުމަތެއް ކަމުގައި ވިޔަސް، އެންސްޕާގައި ރަޖިސްޓަރު ވެފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެއެވެ.
ފެރީގެ ޓިކެޓު ނެގުމުގެ ޚިދުމަތް އާރްޓީއެލް ވެބްސައިޓުންނާއި މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބޭނެއެވެ. މީގެ އިތުރުން ކިއުއާރް ކޯޑު މެދުވެރިކޮށް ވެސް ޓިކެޓް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.ނ. އަތޮޅާއި ރ. އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމާއެކު، ރާއްޖޭގެ ޖުމްލަ 12 އަތޮޅެއްގައި އާރްޓީއެލްގެ ފެރީގެ ޚިދުމަތް ކުރިއަށްދާނެއެވެ.