މިހާތަނަށް މަތީސާނަވީގެ ފުރުސަތުތައް އެންމެ އެކަށީގެންވާ ގޮތަށް ތަނަވަސް ކޮށްދެވިފައި ނުވާކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.

މާލޭ ވޮކޭޝަނަލް ހައި ސްކޫލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ދުނިޔޭގަ ކުރިއަރާފައިވާ ތައުލީމަށް ބަލައިލުމުން ކިޔެވުމަށް، އެކަޑެމިކް ޕާތްވޭއަށް މޮޅެތިކުދިންނާއި އެކި އެކި ހުނަރަށް މޮޅެތިކުދިންކަން ދަރިވަރުންގެ ތެރޭގައި ތިބޭކަން އެނގިގެން ދާ ކަމަށާއި މިކަން ގަބޫލު ކުރާކަމަށެވެ.

މިަން ގަބޫލުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ނަމަވެސް މަތީ ސާނަވީ ތައުލީމުގެ ފުރުސަތުތައް ތަނަވަސް ކޮށްދެވިފައި ނުވާކަން ފާހަގަ ކުރައްވާ މިހާރު މި ސަރުކާރުން މި ފުރުސަތުތައް ތަނަވަސް ކޮށްދެއްވަމުންދާކަމަށް ޝަފީއު ވިދާޅުވި އެވެ.

މީގެއިތުރުން ވަޒީރުކަމާ ހަވާލުވީއިރު ފާހަގަވި އެއް ކަމެއްގެ ގޮތުގައި މަތީ ސާނަވީ ތައުލީމު ހާސިލު ކުރަމުން ދަނީ އެންމެ 31 އިންސައްތަ ދަރިވަރުންކަން ޝަފީއު ފާހަގަކުރެއްވި އެވެ. ރާއްޖެ ފަދަ ތައުލީމަށް އިންވެސްޓްމެންޓް ކުރާ ގައުމެއްގައި އެ އަދަދަކީ ދަށް އަދަދެއްކަމަށް ޝަފީއު ވިދާޅުވި އެވެ.

އެހެންކަމުން މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރީ ޒުވާނުންނަށް ވީހާވެސް ގިނަ ފުރުސަތުތަކެއް ފަހި ކޮށްދޭންކަމަށް ޝަފީއު ވިދާޅުވިއެވެ. އެގޮތުން ކުރެވުނު މަސައްކަތާއި، ގެނެވުނު ބަދަލު ތަކުގެ އިތުރުން މަތީ ސާނަވީ ތައުލީމުގެ މުހިއްމުކަން ދަރިވަރުންނާއި ބެލެނިވެރިންނަށް ވިސްނައިދެވުމުގެ ސަބަބުން ނިމިދިޔަ ގްރޭޑް 10ގެ ދަރިވަރުންގެ 49 އިންސަންތަ ދަރިވަރުން މިހާރު މަތީ ސާނަވީއަށް ކިޔަވަމުން އަންނަކަމަށް ވިދާޅުވި އެވެ.

އަދި މިހާރު ވޮކޭޝަނަލް ހައި ސްކޫލުގެ ނަމުގައި އައު ސްކޫލެއް ތައާރަފްކުރެވި ފެށިގެން ގޮސްފައިވާކަން ފާހަގަކުރައްވާ ޝަފީއު ވިދާޅުވީ ފުރަތަމަ 60 ކުދިން މި ސްކޫލުގައި އެކި އެކި ޕްރޮގުރާމްތަކުގައި ކިޔަވަން ފަށައިފައިފި ކަމަށެވެ. އެގޮތުން ފޮޓޯގްރަފީއާއި، އިންޖިނިއަރިންގެ އިތުރުން އައިޓީ ދާއިރާ އަދި ބިސްނަސްގެ ދާއިރާއިން މި ސްކޫލުގައި ދަރިވަރުން ކިޔަވަމުންދާނެކަމަށް ޝަފީއު ވިދާޅުވިއެވެ.

މިކުދިންނަށް އޭލެވެލް ގެ ދަރިވަރުންނާ އެއްވަރުގެ ސަނަދެއް ލިބިގެން ދާނެކަމަށާއި ޑިގްރީ ޕްރޮގުރާމުތަކަށް ގުޅެން ބޭނުން ކުދިންނަށް އެ ފުރުސަތު ލިބޭނެކަމަށް ޝަފީއު ވިދާޅުވިއެވެ.

" އަދި މި ދަރިވަރުން މުޅި އޭލެވެލްގެ މަރުހަލާ ނިމިގެންދާއިރުގަ ހަމަ އޭލެވެލް ކުދިންނާ އެއްވަރުގެ ސަނަދެއް ލިބިގެން، ޑިގްރީ ޕްރޮގުރާމުތަކަށް ގުޅެން ބޭނުން ކުދިންނަށް އެ ފުރުސަތު އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ"

ޑރ. އިސްމާއީލް ޝަފީއު /ތައުލީމާ ބެހޭ ވަޒީރު

އަދި މިފަހަރު ލާނިން ޕާތްވޭސް އެސްޓެބްލިޝް ކުށްފައިވާލެއް ލަސްކަން ފާހަގަ ކުރައްވާ ކުރިއަށް އޮތް ދުވަސް ތަކުގައި މިހާރު ގްރޭޑް 10 ގައި އުޅޭ ކުދިންނަށް މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ބެލެނިވެރިން ހޭލުންތެރި ކުރެވިއްޖެ ނަމަ ކުރިއަށް ހުރި އަހަރުތަކުގެ ތެރޭގައި މި ޕާތްވޭއަށް ކިޔަވާދަރިވަރުންގެ އަދަދު 500 އަށް ކާރިކުރާނެކަމަށް އުންމީދުކުރައްވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

މި ސްކޫލަކީ ހުނަރާއި ތަމްރީނަށް ހާއްސަކޮށްގެން ފަށާފައިވާ އެންމެ ފުރަތަމަ ސްކޫލުކަން ފާހަގަކުރެވެއެވެ.