މޮރޮކޯގެ މަރެކޭޝްގައި މިހާރު ކުރިއަށްދާ އިންޓަރޕޯލްގެ 93 ވަނަ ޖެނެރަލް އެސެމްބްލީގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ގިނަ ގައުމުތަކެއްގެ ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
އެގޮތުން މިއަދު ވަނީ ސްރީލަންކާ، ފްރާންސް، ޔޫއޭއީ، ޗައިނާ އަދި ޖަޕާނުގެ ފަރާތުން އިންޓަރޕޯލް ޖެނެރަލް އެސެމްބްލީގައި ބައިވެރިވެލައްވާ އެގައުމުތަކުގެ ވަފުދުތަކާ ވަކިވަކިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.
މި މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ކުށްކުރުމުގެ ވައްޓަފާޅި ބަދަލުވަމުންދާ ގޮތާއި ކުށްކުރުން ހުއްޓުވުމަށް ސަރަހައްދީ އަދި ބައިނަލް އަޤުވާމީ ގޮތުން ދިމާވަމުންދާ ގޮޖެހުންތަކާއި ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވައި، އެގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މިގޮތުން، ސައިބަރ ކްރައިމްގެ މައްސަލަތަކާއި ޑްރަގް ޓްރެފިކިންގ އަދި ޓެރަރިޒަމްއާ ގުޅުންހުރި ކުށްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މީގެއިތުރުން، މި ބައްދަލުކުރެއްވުންތަކުގައި ތަހުގީގު ކުރުމުގެ ދާއިރާއިން މުވައްޒަފުން ތަމްރީނު ކުރުމާއި ޓެކްނިކަލް ދާއިރާތަކުން ޓްރެއިނަރުން ތަމްރީނުކުރުމާއި ފްރަންޓްލައިން ޕޮލިސިންގ ދާއިރާއިން މީހުން ބިނާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.