ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމަށް ކަނޑައަޅާފައިވާ މުއްދަތު ފަސްކުރުމަށް ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން، ހުރާ ދާއިރާގެ މެންބަރު ޑޮކްޓަރ އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ މިއިސްލާހަކީ މި ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ދައުލަތުގެ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އެ ޗާޓަރު އެކުލަވާލުމާގުޅޭ އުސޫލުތައް މުރާޖާކުރުމަށްޓަކައި އިސްލާހުތައް ގެނައުންކަމަށް ބިލް ހުށަހަޅުއްވަމުން އަނާރާ ވިދާޅުވިއެވެ.

މިހާރު ގާނޫނު އޮތްގޮތުން ޑިސެމްބަރ މަހުގެ 3 ވަނަ ދުވަސް އެއީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން އެޗާޓަރު އެކުލަވާލާ ފާސްކޮށް އަމަލުކުރަންޖެހެއެވެ. ހުށަހެޅި އިސްލާހުގައި ވަނީ އެމުއްދަތު ދެ އަހަރުގެ މުއްދަތަކަށް އިތުރުކުރުމަށެވެ. އެހެންކަމުން ދެން ޗާޓަރު އެކުލަވާލާ ފާސްކޮށް އަމަލުކުރަންޖެހޭނީ އަންނަ އަހަރުގެ ޑިސެމްބަރ މަހުގެ 3 ގެ ކުރިންނެވެ.

މީގެއިތުރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލުގައިވާގޮތުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް (ޕީއެސްއައިޕީ)ގެ ދަށުން ހިންގަން ރާވާފައިވާ ޕްރޮގްރާމްތައް ބަޖެޓްގައި ހިމެނުމުގެ ކުރިން އެ ޕްރޮގްރާމްތަކުގެ ފީޒިބިލިޓީ ވަޒަންކޮށް އެކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ އިގްތިޞާދީ އަދި މާލީ މަންފާ އާއި އިޖުތިމާއީ މަންފާ އަދި ހަރަދުތަކާއި އެޕްރޮގްރާމްތަކުން ލިބިދާނެ ގެއްލުންތައް ދައުލަތުގެ ފިސްކަލް ޕޮލިސީ ކަނޑައަޅާއިރު ފިނޭންސް މިނިސްޓަރ ވަޒަންކުރަންޖެހޭކަމަށް އޮތްއޮތުމަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.

މިބިލަށް މިއަދުގެ ޖަލްސާގައި ބަހުސްކުުރުމަށްފަހު ނެގި ވޯޓުގައި 55 މެމްބަރުން ބިލު ބަލައިގަންނަން ވޯޓު ދެއްވިއެވެ. 10 މެމްބަރުން ވޯޓު ދެއްވީ ބިލު ބަލައިނުގަތުމަށެވެ. މިބިލު ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.