ދިވެހިރާއްޖޭގައި ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކޮށް ހިންގޭގޮތަށް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މިބިލު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން އެވެ. ބިލު ހުށަހަޅުއްވަމުން ސިނާނު ވިދާޅުވީ މިބިލު ހުށަހަޅުއްވަނީ ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިޒޯޓް ހެދުމަށް ތަންތަން ކުއްޔަށްދޫކުރުމާއި ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ހެދުމަށް ތަންތަން ކުއްޔަށްދޫކުރުމުގެ ނިޒާމެއް ތައާރަފްކޮށް އެފަދަ ބޭނުންތަނަކަށް ތަންތަން ކުއްޔަށްދިނުމާއި އެތަންތަން ހިންގުމުގެ އުސޫލު ބަޔާންކުރުންކަމުގައެވެ. އަދި ރިޒޯޓް ހެދުމަށް ކުއްޔަށްދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދެވޭ މުއްދަތު އިތުރުކޮށްދިނުމާ ބެހޭ އުސޫލާއި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާއި ބެހޭ އުސޫލު ގާނޫނުގައި ހިމަނައި ޓޫރިޒަމާއި ގުޅުންހުރި ދަތުރުރާވައި ހިންގުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކުރުމެވެ.

މީގެއިތުރުން ލައިސަންސްގެ ދަށުން ޚިދުމަތް ދިނުމުގެ އަސާސީ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމުގެ އިތުރުން ގާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން ގެންނަންޖެހޭ އިސްލާހުތައް ގެނައުންކަމަށް ސިނާން ވިދާޅުވިއެވެ.

މިބިލުގައިވާ ގޮތުން ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ކަމަށް ބުނެފައިވަނީ ޓޫރިޒަމް ދާއިރާގައި ޚިދުމަތްކުރާ ފަރާތްތައް ތަމްރީނުކުރާ މަރުކަޒެއްގެ ޚިދުމަތް ފޯރުކޮށްދިނުމާއެކު އެމަރުކަޒުގައި ތަމްރީނުވާ ފަރާތްތަކަށް އަމަލީ ތަޖުރިބާ ހޯދޭނެ ގޮތުގެ މަތިން އެތަނަށް އަންނަ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޚާއްސަކުރެވިފައިވާ ރިޒޯޓަކަށެވެ.

ބިލުގައިވާ ގޮތުން ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކުރާނެ އަދަދާއި ސަރަހައްދުތައް ކަނޑައަޅާނީ ޓޫރިޒަމް ދާއިރާގެ ޚިދުމަތްތަކާއި އެ ދާއިރާގައި ޚިދުމަތްކުރާ މީހުން ބިނާކުރުމަށް ޤައުމީ ފެންވަރުގައި ކަނޑައެޅޭ ލަނޑުދަނޑިތަކަށް ރިއާޔަތްކުރުމަށްފަހު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މީގެއިތުރުން ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށް ވެވޭ އެގްރިމަންޓް ނުވަތަ އެގްރިމެންޓްގެ ދަށުން ލިބިދޭ ހައްގުތައް އެހެން އެއްވެސް ފަރާތަކަށް ސަބްލީސްކޮށްގެންނުވާނެކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އެހެން ފަރާތަކާ އެކުގައި ޕާޓްނަރޝިޕް އުސޫލަކުން ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަރައްގީކޮށް ހިންގުމަށް ނުވަތަ މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް ތަަރައްގީކޮށް ހިންގުން އެހެން ފަރާތަކާ ހަވާލުކުރުމަށް ހުރަސް ނާޅާކަމަށް ބިލުގައިވެއެވެ.

މިބިލަށް މިއަދު ކުރިޔަށްދިޔަ ޖަލްސާގައި މެމްބަރުން ވަނީ ބަހުސްކުރައްވާފައެވެ. އަދި މިބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުން ވަނީ ބިލު ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވާފައެވެ. ބިލު ބަލައިގަންނަން ނުފެންނަކަމަށް 11 މެމްބަރަކު ވޯޓު ދެއްވިއެވެ. މިބިލު އިތުރަށް ދިރާސާކުރުމަށް ވަނީ އިގްތިޞާދީ ކޮމިޓީއަށް ފޮނުވާފައެވެ.