19 Jan 2018, 20:12
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މި މަހު ފަށާ ބައެއް ކޯސްތަކުގެ ޖާގަ އިތުރުކޮށްފިއެވެ.
އެމްއެންޔޫން ބުނީ، އިއުލާންކުރި 30 ކޯހަކަށް ޖާގަ އިތުރުކުރީ، ކޯސްތަކަށް ކަނޑައަޅާފައިވާ ޖާގައަށްވުރެ އިތުރަށް އެޕްލިކޭޝަން ލިބިފައިވާތީ ކަމަށެވެ. އެގޮތުން 300 އަށްވުރެ ގިނަ ޖާގަ އިތުރުކޮށްފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.
އެގޮތުން އެންމެ ގިނަ ޖާގަ އިތުރު ކޮށްފައިވަނީ ނާސިންގެ ދާއިރާގެ ޕްރޮގްރާމްތަކަށެވެ. އޭގެ އިތުރުން ފައުންޑޭޝަން ކޯސްތަކަށާއި ބިޒްނަސް ދާއިރާގެ ކޯސްތަކަށް ވެސް ވަނީ ޖާގަ އިތުރުކޮށްފައެވެ.
އެމްއެންޔޫން ބުނީ، މިމަހު އޯލެވެލް އަދި އޭލެވެލް ނަތީޖާ ލިބޭ ދަރިވަރުންނަށް ޖާގަ ހުރި ކޯސްތަކުން ފުރުސަތު ފަހިކުރުމުގެ މަގުސަދުގައި ހާއްސަ ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އޯލެވެލްގެ ނަތީޖާ ލިބުނު ދަރިވަރުންނަށް މާދަމާ ހަރަކާތްތަކެއް ބާއްވާ އިރު އޭލެވެލް ނަތީޖާ ލިބޭ ދަރިވަރުންނަށް އަމާޒުކޮށްގެން ހަރަކާތްތަކެއް ހިންގަން ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ.
އޯލެވެލްގެ ނަތީޖާ ލިބުނު ދަރިވަރުންނަށް މާދަމާގެ ޕްރޮގްރާމްތައް ކުރިއަށްދާނީ ގައުމީ ޔުނިވާސިޓީގެ މަރުކަޒީ އިދާރާގެ ގޯތި ތެރޭގައި މާދަމާ ހަވީރު 4:00 އިން 6:00 އަށެވެ.
އެ ހަރަކާތުގައި ޖާގަ ހުރި ކޯސްތަކަށް ފޯމު ބަލައިގަތުމާއި ޝަރުތު ހަމަވާ ދަރިވަރުންނަށް ކޯހަށް ހޮވުނުކަމުގެ ލިޔުން ދޭން ނިންމާފައިވާ އިރު ކެރިއާ ގައިޑަންސް ދިނުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެ ކަމަށް އެމްއެންޔޫން މައުލޫމާތުދެއެވެ.
އެމްއެންޔޫން މިމަހު ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ދަރިވަރުންގެ ކިޔެވުން މިމަހުގެ 28 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ އިރު ކޯސްތަކަށް އެދި މިހާތަނަށް 4479 ދަރިވަރަކު ވަނީ ކުރިމަތިލައިފައެވެ. ނަމަވެސް ޝަރުތު ފުރިހަމަވެގެން ކޯސްތަކުން ޖާގަދީފައިވަނީ 2853 ދަރިވަރަކަށެވެ.