19 Jan 2018, 20:07
އިންޑިއާއިން ނިއުކުލިއާ ހަތިޔާރު އުފުލުމުގެ ގާބިލް ދުރު ރާސްތާ ބެލިސްޓިކް މިސައިލެއް ކާމިޔާބުކަމާއެކު އިއްޔެ ޓެސްޓުކޮށްފިއެވެ.
ޗައިނާގެ އުތުރުގެ ސަރަހައްދުތަކަށް ފޯރުވުމުގެ ގާބިލްކަން ލިބިފައިވާ "އަގްނީ 5" ނަން ދީފައިވާ އެ މިސައިލް ޓެސްޓު ކޮށްފައިވަނީ އިންޑިއާގެ އިރުމަތީގައި އޮންނަ އޮޑިޝާ ސްޓޭޓްގެ ބޭރުގައި އޮންނަ އަބްދުލް ކަލަމް އައިލެންޑުންނެވެ.
މިއީ ހަ އަހަރުގެ ތެރޭގައި އިންޑިއާގެ "އަގްނީ 5"ގެ މިސައިލެއް ޓެސްޓުކުރި ފަސް ވަނަ ފަހަރެވެ. އިންޑިއާއިން އެންމެ ފަހުން ދުރު ރާސްތާ މިސައިލެއް ޓެސްޓު ކުރީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނީ، އިއްޔެ ފޮނުވާލި މިސައިލް 19 މިނެޓުގެ ތެރޭގައި 3000 މޭލަށް ދަތުރުކުރި ކަމަށާއި، މިޝަންގެ ބޭނުންތައް ކާމިޔާބުކަމާއެކު ހާސިލްވެއްޖެ ކަމަށެވެ. އަދި އެއީ އިންޑިއާގެ ދިފާއީ ގާބިލްކަން އިތުރަށް ވަރުގަދަވެގެންދިޔަ ކަމެއް ކަމަށެވެ.
ޑިފެންސް މިނިސްޓްރީގެ ޓްވީޓެއްގައި ބުނެފައިވަނީ، އަގްނީ 5 އަކީ 5000 ކިލޯމީޓަރު ނުވަތަ 3100 މޭލުގެ ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ. އިންޑިއާގެ ވެރިރަށް ނިއު ދެއްލީ އާއި ޗައިނާގެ ވެރިރަށް ބެއިޖިންއާ ދެމެދު އޮންނަނީ 2348 މޭލުގެ ދުރުމިނެކެވެ.
އިންޑިއާއިން ދުރު ރާސްތާ މިސައިލެއް ކާމިޔާބުކަމާއެކު ޓެސްޓު ކޮށްފައި މިވަނީ، އެގައުމާއި ޗައިނާ ގުޅޭ ބޯޑަރު ކައިރީގައި މައްސަލަތަކެއް އުފެދި ވަރުގަދަ ކުރިމަތިލުމަކަށް ހިނގައިދާނެ ފަދަ މާހައުލެއް އުފެދެން އުޅުނުތާ އަހަރެއް ވެސް ނުވަނީހެވެ.
އިންޑިއާއާއި ޗައިނާ ހިއްސާކުރާ 3،500 ކިލޯ މީޓަރު (2،174 މޭލު) ގެ ބޯޑަރުގެ މައްސަލާގައި ދެ ގައުމުން 1962 ވަނަ އަހަރު ހަނގުރާމަ ކޮށްފައިވާ އިރު އަދިވެސް އެ މައްސަލަ ހައްލެއް ނުވެއެވެ.
އެގޮތުން އެންމެ ފަހުން ދެ ގައުމުގެ ދެމެދުގައި ހަމަނުޖެހުން އުފެދުނީ މިދިޔަ ޖޫން މަހު ޗައިނާއިން ބޯޑަރު މަގު ފުޅާކުރަން އުޅުމުންނެވެ. އަދި އެކަމާ ދެކޮޅަށް އިންޑިއާއިން ބޯޑަރު ސަރަހައްދަށް ސިފައިން ވެސް ނެރުނެވެ. ނަމަވެސް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އައިސްގެން ފަހުން ސިފައިން ފަހަތަށް ޖެއްސިއެވެ.