ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ "މައިލްސް ފޯ ސްމައިލްސް" 24 ގަޑިއިރުގެ ޗެރިޓީ ދުވުން ފަށައިފިއެވެ.

މިއަދު ހަވީރު ކުޅިވަރު އެކުވެނި ދުވާ ޓްރެކްގައި ފެށި އެ ދުވުން ޝަރަފްވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އެ ދުވުމުގައި ހެލްތު މިނިސްޓަރު ނާޒިމްގެ އިތުރުން ގިނަ އަދަދެއްގެ މީހުން ދުވުމުގައި ބައިވެރިވެއެވެ. މިހާރު ދުވާ ބައިވެރިންގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އާއި ސްޕޯޓްސް ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރު އަބްދުލްރައްޔާގު އިބްރާހީމާއި ކުރީގެ މަޝްހޫރު ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އާއި ދިގު ދުވުންތަކުގައި ފާހަގަކޮށްލެވޭ އަހްމަދު އާތިފާއި ސަން މީޑިއާ ގްރޫޕްގެ ޗީފް އޮޕަރޭޓިން އޮފިސަރު މިންހާ ފާއިޒް އަދި ދުވުމުގެ ބައެއް ޕާޓްނަރުންގެ އިސްވެރިން ފާހަގަކޮށްލެވެއެވެ.

ދުވުން މިހާރު ކުރިއަށްދާ އިރު، 24 ގަޑިއިރު ދުވާ އެތުލީޓު އިބްރާހިމް ސާއިދު އަލީއަށް ހިތްވަރު ދިނުމުގެ ގޮތުން 300އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވަމުންދެއެވެ. މިހާރު ދުވުމުގައި އެކި ކުޅިވަރު އެސޯސިއޭޝަންތަކާއި އެންޖީއޯތައް އަދި ސްޕޮންސަރުން ދަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންވެސް މިވަގުތު ދުވުމުގައި ބައިވެރިވަމުންދާކަން ފާހަގަކޮށްލެވެއެވެ.

މިހާރުވެސް ދުވުމުގައި ރަޖިސްޓަރީވުމުގެ ކަންކަން އެ ސަރަހައްދުގައި ކުރިއަށްދާ އިރު، 22 އޯގަނައިޒޭޝަނަކާއި ތިން މިނިސްޓްރީއެއްގެ އިތުރުން ގިނަ އަދަދެއްގެ އާންމުންނާއެކު 3500އަށްވުރެ ގިނަ އަދަދެއްގެ ދުވުންތެރިން މިހާތަނަށް ދުވުމުގައި ރަޖިސްޓްރީ ވެފައިވެއެވެ.

އެ ދުވުމުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތައް ކޮންމެ ގަޑިއަކު ވެސް ސާއިދަށް ހިތްވަރުދިނުމުގެ ގޮތުން ބައިވެރިވެވޭނެއެވެ. ދުވުން ނިމިގެންދާނީ މާދަމާ ހަވީރު 4:30 ގައެވެ. ދުވުން ކުރިއަށްދާ 24 ގަޑިއިރުގައިވެސް އެކުވެނީގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ ހަމަޖައްސައިފައެވެ.

އެ ޗެރިޓީ ދުވުމުގެ މެއިން ސްޕޮންސަރަކަށް ރެއިޒްކްރައުން ޕްރައިވެޓް ލިމިޓެޑް ހަމަޖައްސާފައިވާ އިރު، މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ. އޭގެ އިތުރުން ވެސް ދުވުމުގައި ގިނަ ޕާޓްނަރުންތަކެއްގެ ހިއްސާ ފާހަގަކޮށްލެވެއެވެ.