19 Jan 2018, 19:27
ދަތުރުކުރަމުންދިޔަ ޕްރައިވެޓް ހެލިކޮޕްޓަރު ވެއްޓި ގައުމުން ބޭރަށް އަރުވާލައިގެން ހުންނެވި ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު ރޯއީ ބެނެޓް ނިޔާވެއްޖެއެވެ.
އެމެރިކާގެ ނިއު މެކްސިކޯ ސްޓޭޓްގެ އުތުރުގައި އޮންނަ ސަރަހައްދަކަށް ހެލިކޮޕްޓަރު ވެއްޓި މިދިޔަ ބުދަ ދުވަހު ހިނގި ހާދިސާގެ މައުލޫމާތު އިއްޔެ ހިއްސާ ކުރަމުން ނިއު މެކްސިކޯގެ ފުލުހުން ބުނީ، ހާދިސާގައި ބެނެޓްގެ އިތުރުން ހަތަރު މީހަކު މަރުވެފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އޭނާގެ އަންހެނުން ހެތާ ބެނެޓް، 55 ވެސް ހިމެނެއެވެ.
ޒިމްބާބުވޭގެ އިދިކޮޅު ޕާޓީ އެމްޑީސީގެ ކުރީގެ ޓްރެޝަރާ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބެނެޓްއަކީ އެގައުމުގެ ސިޔާސީ މައިދާނުގައި މުހިންމު ބޭފުޅެކެވެ.
އެގޮތުން ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބާޓް މުގާބޭގެ ވެރިކަމުގައި ބެނެޓް ވަނީ ޖަލުގައި ވެސް ދުވަސްތަކެއް ހޭދަ ކުރައްވައިފައެވެ.
"ޒިމްބާބުވޭއަށް ޑިމޮކްރެޓިކް ބަދަލުތަކެއް ގެންނަވުމުގައި ރޯއީއަކީ އަޒުމް ވަރުގަދަ ބޭފުޅެއް،" ބެނެޓްގެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަދި ފަގީރު އެތައް ސަހަރެއްގެ ކުދިންނަށް އެކުދިންގެ ސްކޫލު ފީ ދައްކަވައިދެއްވުމުގައި އެހީތެރިކަން އޭނާ ފޯރުކޮށްދެއްވި އިރު، ދޮން ނަސްލުގެ ބޭފުޅެއް ނަމަވެސް ކަޅު ނަސްލުގެ ޒިމްބާބުވޭގެ ރައްޔިތުންގެ ހައްގުގައި ވެސް ބެނެޓް މަސައްކަތް ކޮށްދެއްވި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
(ރޮއިޓާސް)