ޖިއްދާ (އޮގަސްޓް 16) : ޢަރަބި ބައެއް ޤައުމުތަކުގައި ހިނގަމުންދާ ރައްޔިތުންގެ އުތުރިއެރުންތަކާ އެކަމާދެކޮޅަށް އެޤައުމުތަކުން ޢަމަލުކުރަމުން ގެންދާގޮތްތަކާބެހޭ ގޮތުން ތުރުކީގެ ރައީސް ޢަބްދުﷲ ގުލްއާއި ސަޢޫދީ މަސްއޫލުވެރިން ޖިއްދާގައި މަޝްވަރާ ތަކެއް ކުރައްވައިފި އެވެ.

މިމަޝްވަރާތަކުގައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކާދެކޮޅަށް އެޤައުމުގެ ސަރުކާރުން ބާރުގެ ބޭނުންކުރަމުން ގެންދާ މައްސަލައާއި ލީބިޔާއާއި ޔަމަން ގައި ހިނގަމުންދާ ދާޚިލީ ތަޅާފޮޅުންތަކާ ގޮތުންވެސް ދެޤައުމުގެ މަސްއޫލުވެރިން މަޝްވަރާ ކުރެއްވި ކަމަށް ސަޢޫދީ ނޫސް އެޖެންސީ ޚަބަރުދެ އެވެ.

ތުރުކީގެ ރައީސް ޢަބްދުﷲ ގުލް ސައޫދީ އަރަބިޔާގެ ޖިއްދާއަށް ވަޑައިގެން އުޅުއްވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ އިސްލާމީ ދިރާސާތަކާބެހޭ މަރުކަޒުން ޖިއްދާގައި ބާއްވާ ޢިލްމީ ބައްދަލުވުންތަކެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކަމަށް ޚަބަރުލިބެއެވެ. (އަލްޖަޒީރާ)