19 Jan 2018, 17:14
ވިލާ ހޮޓެލްސްއިން ހިންގާ ހަތަރު ރިސޯޓަކަށް ގާނޫނާ ހިލާފަށް ބަނގުރާ އެތެރެކުރި މައްސަލަ، ފަތުރުވެރިކަމަށް ގެއްލުން ނުވާގޮތަށް ސުލްހަވެރިކޮށް ހައްލުކޮށްދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ސަރުކާރަށް ގޮވާލައިފިއެވެ.
މަޓާޓޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފަތުރުވެރިން ރިސޯޓްތަކުގައި ތިބޭއިރު ރިސޯޓަކާ ޖެހޭ ގާނޫނީ ނުވަތަ ކޮމާޝަލް މައްސަލަތައް ހައްލު ކުރަންޖެހޭނީ ހަމަނުޖެހުން ނުހިނގާނެ ގޮތަކަަށް ސުލްހަވެރިކޮށް ކަމަށެވެ.
މަޓާޓޯއިން ބުނީ އެ މައްސަލައާ ބެހޭ ފުރިހަމަ މައުލޫމާތު އެ ޖަމިއްޔާއަށް ލިބިފައި ނުވި ނަމަވެސް، އެމައްސަލައާ ގުޅިގެން މީޑިއާގައި ރިޕޯޓުކުރެވެމުންދަނީ މާ ޕޮޒިޓިވް ޚަބަރުތަކެއް ނޫން ކަމަށެވެ.
"ރާއްޖެ އައުމަށް މިހާރު ބުކިންގް ހަދާފައިވާ ފަރާތްތަކަށް، މި މައްސަލައާ ގުޅޭގޮތުން މީޑިއާއިން ފެންނާނީ މާ ގަޔާވެވޭ ފަދަ ޚަބަރުތަކެއް ނޫން،" މަޓާޓޯއިން ބުންޏެވެ.
މަޓާޓޯއިބުނީ ރާއްޖޭގެ އިގްތިސޯދުގެ 75 ޕަސެންޓް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށްވީއުރު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާ ކޮންމެ ނޭދެވޭ އަސަރަކީ މުޅި އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. އެހެންކަމުން ރިސޯޓްތަކާޖެހޭ އެފަދަ މައްސަލަތަށް ސުލްހަވެރިކޮށް ހައްލުކޮށްދިނުމަށް މަޓާޓޯއިންވަނީ ޓޫރިޒަމް މިނިސްޓްރީއަށް ގޮވާލައިފައެވެ.
މި އަހަރަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާގަތި އަހަރަކަށްވާނެ ކަމަށް ގަބޫލުކުރާކަމަށާއި ހުރިހާ ފަރާތަކުންވެސް ސިޔާސީ ތަފާތުވުން އެއްފަރާތްކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް މަޓާޓޯއިން ވަނީ ގޮވާލައިފައެވެ.
ވިލާ ކުންފުނީގެ ދަށުން ހިންގާ ރިސޯޓުތަކުގައި ހިންގި އޮޕަރޭޝަނާ ބެހޭގޮތުން ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓް، ސަން އައިލެންޑް ރިސޯޓް، ފަން އައިލެންޑް ރިސޯޓް އަދި ހޮލިޑޭ އައިލެންޑް ރިސޯޓަށް އެތެރެކޮށްފައިވާ ބަނގުރަލަކީ ބޮންޑެޑް ވެއާ ހައުސްއިން ރޯޔަލް އައިލެންޑް ރިސޯޓްގެ ނަމުގައި ދޫކުރި ބަނގުރާ ކަމަށާއި، އެހެންކަމުން އެއީ ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
އަދި އެ ހަތަރު ރިސޯޓަކީ، މީރާއަށް ދައްކަންޖެހޭ ފައިސާ ގަވައިދުން ނުދައްކާތީ، މީރާގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން 22 މާޗް 2017 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސްއިން ހިދުމަތްދިނުން މެދުކަނޑާލައި، ބަނގުރާ ދޫކުރުންވެސް ވަގުތީގޮތުން ހުއްޓާލައިފަވާ ރިސޯޓުތައް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ ހަތަރު ރިސޯޓުގައި ހުރި ބަނގުރަލާއި އޫރުމަސް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.