ނިއު ދެއްލީ – އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު އަންނަ މަހުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ފަލަސްތީނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ފަލަސްތީނުގެ ވެރިރަށް ރާމައްﷲއަށް މޯދީ ވަޑައިގަންނަވަން ހަމަޖެހިފައިވާ އިރު މިއީ އިންޑިއާގެ ބޮޑުވަޒީރަކު ފަލަސްތީނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ބޮޑުވަޒީރު މޯދީ، ފަލަސްތީނަށް ދަތުރުފުޅެއް ފެއްޓެވުމުގެ މަޝްވަރާތަކެއް މީގެ ކުރިން ދެކެވުނު ނަމަވެސް ތާރީހެއް ކަށަވަރުވީ، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ދެކަނބަލުން އިންޑިއާއަށް ކުރެއްވި ހަ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އިންޑިއާގެ ސަރުކާރުން ބުނީ، ބޮޑުވަޒީރު މޯދީ ފަލަސްތީނަށް ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން ބަދަހިކޮށް، އިސްރާއީލާއި ފަލަސްތީނާ ދެމެދު އިންޑިއާއިން ބާއްވާ ހަމަހަމަ ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށެވެ.

ނަމަވެސް އިންޑިއާ އަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް އދ.ގައި ވޯޓުދިން ގައުމެކެވެ.

އިންޑިއާގެ ޑިޕްލޮމެޓުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން، ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ އިތުރުން އެގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ އެވެ.

އަދި އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ރާމައްﷲއަށް މޯދީ ވަޑައިގަންނަވާނީ އުރުދުންގެ ވެރިރަށް އަމަންއަށް ވަޑައިގަތުމަށްފަހު އެ ސިޓީން ހެލިކޮޕްޓަރެއްގައެވެ.

(ޓައިމްސް އޮފް އިންޑިއާ)