ރެއާލް މެޑްރިޑުން ރޭ ލިގޭންސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ވޭތުވެދިޔަ ހަފްތާ ވިލަރެއާލްއާ ދެކޮޅަށް ކުޅުނު މެޗަށްވުރެ ކުޅުން ދަށް ނަމަވެސް ލިބުނު ނަތީޖާ ރަނގަޅު ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ސްޕެނިޝް ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑުން ރަށުން ބޭރުގައި ލިގޭންސްއާ ދެކޮޅަށް ރޭ ކުޅުނު މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ރެއާލްގެ ގޯލް ޖަހައިދިނީ ޒުވާން ފޯވާޑް މާކޮސް އެސެންސިއޯއެވެ.

ރޭގެ މެޗުގެ ކުރިން ރެއާލްއިން ލަލާލީގައި ކުޅުނު މެޗުގައި ވިލަރެއާލްއާ ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ޒިދާން ބުނީ ރޭގެ މެޗުގައި ރެއާލްގެ ކުޅުން ދަށް ނަމަވެސް ނަތީޖާ ނެރެވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ސީޒަންގައި ގިނަ ބަލިތަކަކާ ރެއާލަށް ކުރިމަތިލާން ޖެހިފައިވުމުން ފޯމް ކަޓާފައިވާ ކަމަށާއި، ރޭގެ މެޗުން މޮޅުވެ އެ ނަތީޖާތައް ހަނދާން ނައްތާލެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ޒިދާން ވަނީ ބުނެފައެވެ.

ޒިދާން ބުނީ ޓީމުގެ ކޮންފިޑެންސް އަނބުރާ ގެނައުމަށް ރޭގެ މެޗުން ހަނި މޮޅެއް ލިބުމަކީ ވެސް ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. ޒިދާން އިތުރަށް ބުނެފައިވަނީ މި ސީޒަންގައި ގިނަ ފަހަރެއްގެ މަތިން ފުރަތަމަ 11 އަށް ބަދަލުތަކެއް ގެންނަން ޖެހުމުން އޭނާއަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި، ޓީމު ރަނގަޅު ފޯމަކަށް އަޅާނީ އާންމުކޮށް ކުޅޭ ކުޅުންތެރިންނާއެކު ޓީމު ކުޅެގެން ކަމަށެވެ.

ރެއާލް އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 18 މެޗުން 32 ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި ވާދަވެރި ބާސެލޯނާ އޮތީ 18 މެޗުން ލިބުނު 48 ޕޮއިންޓާއެކުގައެވެ. މި ނަތީޖާތަކުގެ ސަބަބުން ރެއާލްގެ ކޯޗު ޒިދާންއަށް ވަނީ ރެއާލްގެ ކޯޗު ކަމުގައި ދެމިހުރުމަށް ޕްރެޝަރުތަކާ ކުރިމަތިލާން ޖެހިފައެވެ.