19 Jan 2018, 16:41
މެންޗެސްޓާ ސިޓީގެ ބްރެޒިލް މިޑްފީލްޑަރު ފެނާންޑީނިއޯގެ ކޮންޓްރެކްޓް އައުކޮށްފިއެވެ.
މެންޗެސްޓާ ސިޓީއާއެކު ފެނާންޑީނިއޯގެ ކޮންޓްރެކްޓް އައުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނިޔަލަށެވެ.
އުމުރުން 32 އަހަރުގެ ފެނާންޑީނިއޯގެ އިތުރުން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ނިކޮލަސް އޮޓެމެންޑީވެސްވަނީ ދާދިފަހުން އެ ކްލަބާއެކު ކޮންޓްރެކްޓް އައުކޮށްފައެވެ.
ފެނާންޑީނިއޯ ސިޓީއާ ގުޅިފައިވަނީ 2013 ވަނަ އަހަރު ހޫނު މޫސުމުގެ ޓްރާންސްފާގައެވެ. ޝަކްތާރު ޑޮނެޓްސްކުން ސިޓީއާ ގުޅުނު ފެނާންޑީނިއޯވަނީ އޭނާގެ ފުރަތަމަ ސީޒަންގައި ލީގު ކަޕު އަދި އިނގިރޭސި ޕްރިމިއާ ލީގުވެސް ސިޓީއާއެކު ކާމިޔާބުކޮށްފައެވެ.
ސިޓީއަށް 212 މެޗު ކުޅެދީފައިވާ ފެނާންޑީނިއޯއަކީ ބްރެޒިލްގެ ގައުމީ ޓީމަށްވެސް މުހިއްމު ކުޅުންތެރިއެކެވެ. 2011 ވަނަ އަހަރުން ފެށިގެން ގައުމީ ސްކޮޑުގައި ހިމެނެމުން އަންނަ ފެނާންޑީނިއޯވަނީ ގައުމީ ޓީމަށް 41 މެޗު ކުޅެފައެވެ. އަދި މިއަހަރު އޮންނަ ފީފާ ވޯލްޑް ކަޕަށްވެސް ގައުމީ ޓީމާއެކު ފެނާންޑީނިއޯ ދާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
މިދޔަ ސީޒަންގައި ފޯމް ކަޓާފައިވާ ކުޅުންތެރިއެއް ގޮތުގައި ފެނާންޑީނިއޯ ފެނުނު ނަމަވެސް، ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން އޭނާ އަންނަނީ ސިޓީގެ މެދުތެރެއިން މޮޅު ކުޅުމެއް ދައްކަމުންނެވެ. ކޮންޓްރެކްޓް އައުކުރުމަށްފަހު ވާހަކަ ދައްކަމުންވެސް ފެނާންޑީނިއޯ ބުނެފައިވަނީ ޕެޕް ކަހަލަ މޮޅު ކޯޗަކާއެކު ސިޓީދަނީ ރަނގަޅު މިސްރާބަކަށް ކަމަށެވެ. ސިޓީގެ މުސްތަގުބަލް އުޖާލާކަމަށްވެސް ފެނާންޑީނިއޯ ބުންޏެވެ.