އަފްޣާނިސްތާން ގައުމީ ފުޓްބޯޅަ ޓީމަށް އެންމެގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ، އެޓީމުގެ ޑިފެންޑަރު ޒޮހިބް އިސްލާމް އަމީރީ ގެންނަން ނިއުއިން ނިންމައިފިއެވެ.

'ސަން ސްޕޯޓްސް'އަށް އެނގިފައިވާ ގޮތުގައި ނިއުއިން އޭއެފްސީ ކަޕަށް ފަރިތަކުރުންތައް ފަށާނީ އަމީރީއާވެސް އެކުގައެވެ.

އުމުރުން 27 އަހަރުގެ އަމީރީއަކީ ސައުތު އޭޝިއާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ޑިފެންޑަރެކެވެ. 2005 ވަނަ އަހަރުން ފެށިގެން އަފްޣާންގެ ގައުމީ ޓީމަށް ކުޅެމުން އަންނަ އަމީރީވަނީ މިހާތަނަށް 43 މެޗު ގައުމީ ޓީމަށް ކުޅެފައެވެ. މީގެ އިތުރުން އަމީރީއަކީ އަފްޣާން ގައުމީ ޓީމުގެ ކެޕްޓަން ބޭންޑްވެސް ގިނަ މުބާރާތްތަކެއްގައި އަޅާފައިވާ ކުޅުންތެރިއެކެވެ.

އަފްގާނިސްތާން ގައުމީ ޓީމާއެކު 2011 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފައިނަލަށްވެސް ދަތުރުކުރި އަމީރީވަނީ އޭނާގެ ކެޕްޓަން ކަމުގެ ދަށުގައި މޮޅު ކުޅުމެއް ދައްކައި 2013 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށިވެސް އުފުލާލާފައެވެ. މީގެ އިތުރުން 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕުގައިވެސް އަފްޣާން ޓީމަށް އަމީރީވަނީ ކުޅެފައެވެ.

ދެހާސް ފަސްވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް އަފްޣާނިސްތާނުގެ ލީގު ތަކުގައި ކުޅުމަށްފަހު އޭނާވަނީ އިންޑިއާގެ އައިލީގު ކުޅޭ މުމްބާއީ އެފްސީއަށް ބަދަލުވެފައެވެ.

މުމްބާއީ ސިޓީގެ އިތުރުން އިންޑިއާގެ ޑެމްބޯ އެފްސީއާއި އެފްސީ ގޯއާއެގެ އިތުރުން ޝިވާޖިއަންސްއަށްވެސް އަމީރީވަނީ އިންޑިއާގައި ހޭދަކުރި ހަތް އަހަރު ތެރޭގައި ކުޅެފައެވެ. ވޭތުވެދިޔަ ސީޒަންގައި އަމީރީ ކުޅެފައިވަނީ އައިލީގުގެ ޗެންނާއީ ސިޓީ އެފްސީއަށެވެ.

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ އިތުރުން އެފްއޭކަޕް އަދި ޕްރެސިޑެންޓްސް ކަޕުވެސް ކާމިޔާބުކުރި ނިއުރޭޑިއަންޓުން އަންނަނީ މި ފެށޭ ސީޒަނަށް ވަރުގަދައަށް ތައްޔާރުވަމުންނެވެ.

އެގޮތުން ވޭތުވެދިޔަ ސީޒަންގައި ވެލެންސިއާއަށް ކުޅުނު ޑިފެންޑަރު ހިޝާމް ސަލީމް (ކޮކީ) އާއި އީގަލްސްއަށް ކުޅުނު ޒުވާން މިޑްފީލްޑަރު ރިހާމް އަބްދުލްޣަނީ (ބޮބީ) ވެސް ވަނީ އަންނަ ސީޒަންގައި ނިއުއަށް ކުޅުމަށް ސޮއިކޮށްފައެވެ.

މީގެ އިތުރުންވެސް ވޭތުވެދިޔަ ސީޒަންގައި ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން ޓީމާއެކު ކޮންޓްރެކްޓް އައުކޮށްފައެވެ. އޭގެތެރޭގައި ވޭތުވެދިޔަ ދިވެހި ޕްރިމިއާ ލީގުގައި ނިއުގެ މެދުތެރެއަށް ކުޅުނު ބިދޭސީ ކުޅުންތެރިޔާ ކަންޑޭލާވެސް ވަނީ ކޮންޓްރެކްޓް އައުކޮށްފައެވެ. ކަންޑޭލާގެ އިތުރުން ދެން މިދިޔަ ސީޒަންގައި ކުޅުނު ބިދޭސީ ކުޅުންތެރިން މި ސީޒަންގައި ނުފެންނާނެ ކަމަށް ނިއުއިންވަނީ ކުރިން ބުނެފައެވެ.