19 Jan 2018, 16:33
ވޭތުވެދިޔަ އަހަރު ޗައިނާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ދަށްވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގައި މީގެ ކުރިން އެންމެ ބޮޑު ހިއްސާއެއް އޮންނަ އަދި މުހިއްމު އެއް މާކެޓް ކަމުގައިވާ ޗައިނާގެ މާކެޓް މިދިޔަ އަހަރު ވަނީ ދަށްވެފައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއައި ޗައިނާގެ ފަތުރުވެރިންގެ އަދަދަކީ 306530 ފަތުރުވެރިންނެވެ. އެއީ 2016 ވަނަ އަހަރު ރާއްޖެއައި 324326 ޗައިނާ ފަތުރުވެރިންގެ އަދަދަށްވުރެ 5.5 ޕަސެންޓް ދަށް އަދަދެކެވެ.
މުޅި 2017 ވަނަ އަހަރަށް ބަލާލި ކަމުގައިވިޔަސް 2016 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ޗައިނާގެ ފަތުރުވެރިން ރާއްޖެއައި މިންވަރު އިތުރުވެފައިވަނީ ހަމައެކނި ޖެނުއަރީ މަހާއި ނޮވެންބަރުމަހު އެކަންޏެވެ. އެހެން ހުރިހާ މަސްތަކެއްގައިވެސް، 2016 ވަނަ އަހަރާ އަޅާބަލާއިރު ޗައިނާގެ ފަތުރުވެރިން އައި އަދަދުވަނީ ދަށަށްގޮސްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި މާކެޓް ކުރާ ޖަމިއްޔާ ޖަމާއަތްތަކުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުން އަންނަނީ ޗައިނާގެ ފަތުރުވެރިން އަންނަމިންވަރު ދަށްވުމުން އެކަން ފާހަގަކޮށް، އެކަމަށްޓަކައި މަސައްކަތް ތަކެއް ކުރަމުންނެވެ.