19 Jan 2018, 11:28
އިދިކޮޅުގެ ވިސްނުން ހުރީ އިންތިހާބެއް ބާއްވައިގެން މޮޅުވާ ގޮތަށް ނޫން ކަމަށާއި އެހެން ކަމުން މިހާރުވެސް ރައީސް އަބްދުﷲ ޔާމީނަށް 2018ގެ އިންތިޚާބު ޔަގީން ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.
"ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުބީން ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން އިންތިހާބެއް ބާއްވަން ބޭނުން ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އިދިކޮޅުން ބޭނުންވަނީ ހާޖާނު ހަދައިގެން ވިޔަސް ތަން ތަނުގައި ރޯކޮށްގެން ވިޔަސް އަދި ފިތުނަ އުފައްދައިގެން ވިޔަސް އިންތިހާބު ނުބޭއްވޭނެ ހުރިހާ ފޯމިއުލާއެއް ހޯދަން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ފުރުޞަތު ނޯންނާނެ ކަމަށާއި ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިހާބުވާނީ މިނިވަން އިންތިހާބަކާ އެކު ކަމަށެވެ.
"އިދިކޮޅު ފަރާތްތަކުގެ ނެތޭ އިންތިހާބު ބޭއްވުމުގެ ވިސްނުމެއް. އަދިވެސް މި މަސައްކަތް ކުރަނީ ބޭރުގެ ގައުމު ތަކުގެ އެހީގައި ނުފޫޒު ބޭނުން ކޮށްގެން އިންތިހާބު ކާމިޔާބުކުރަން. އެކަމަކު އެ ފުރުޞަތެއް ރައީސް ޔާމީން ނުދެއްވާނެ،" މުބީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިދިކޮޅުގައި އިންތިހާބެއް ބާއްވައިގެން ކުރިއަށް އޮތް ފަސް އަހަރު ކާމިޔާބު ކުރުމުގެ އެއްވެސް އިހުލާސްތެރި ކަމެއްވެސް އަދި ވިސްނުމެއްވެސް ނެތް ކަމަށެވެ. އޭގެ ހެއްކެއް ކަމަށް މުބީން ވިދާޅުވީ މިއަދާ ޖެހެންދެންވެސް ރައީސް ޔާމީން ބަލި ކުރެވޭނެ ކެނޑިޑޭޓެއް ނުދެއްކުން ކަމަށެވެ.
"އިންތިހާބަށް ތައްޔާރު ނުވާ ކަމުގެ ހެއްކެއް ނޫންތޯ ކެނޑިޑޭޓެއް އަދިވެސް ނުދެއްކޭ އިދިކޮޅަކަށް. އަދިވެސް ހަމަ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ދައްކަން މިއުޅެނީ މިނިވަން އިންތިހާބެއް ބޭއްވޭނެ މާހައުލެއް ރާއްޖެއަކު ނެތޭ. ނަމަވެސް އިދިކޮޅު ކެނޑިޑޭޓަކު ނެތުން އެއީ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައެއްތޯ،" މުބީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދާދި ފަހުން އެމްޑިޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ދެއްކެވި ވާހަކަ ފުޅުންވެސް އިދިކޮޅުން އެއްވެސް ވަރަކަށް އިންތިހާބަށް ތައްޔާރު ވަމުން ނުދާކަން ޔަގީންވާ ކަމަށެވެ.
" މިއަދުގެ ހަގީގަތަކީ ރައީސް އަބްދުﷲ ޔާމީން މިހާރުވެސް 2018 ކާމިޔާބުކުރައްވައިފި،" މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ، އިދިކޮޅުން ބޭރު ދުނިޔޭގައި ރާއްޖެއޭ ކިޔައިގެން މިހާރު ދައްކަމުންދާ ވާހަކަތައް ގައުމު ތަކުން ގަބޫލު ނުކުރާނެ ކަމަށާއި ގައުމު ތަކުން ގަބޫލު ކުރާނީ ރައީސް ޔާމީން ފަދަ ހަރުދަނާ ލީޑަރެއް ދައްކަވާ ވާހަކަފުޅު ކަމަށެވެ. އަދި ބޭރުގެ ބާރުތައް ބޭނުން ކޮށްގެން އިންތިހާބު ކާމިޔާބުކުރަން އިދިކޮޅުން ބޭނުން ކުރާ "ފޯމިއުލާ" ކާމިޔާބު ނުވާނެ ކަަމަށް ވިދާޅުވިއެވެ.