ޑާކްރެއިން އެންޓަޓެއިންމެންޓުން ގެނެސްދޭ ކޮންމެ ފިލްމަކީވެސް ބެލުންތެރިން ވަރަށް ގަޔާވެގެން ބަލަމުން އަންނަ ފިލްމު ތަކެކެވެ. ބެލުންތެރިންގެ މަގްބޫލު ކަމާ އެއްވަރަށް އެ ޓީމަށް ގިނަ ބަޔަކު އިތުބާރުވެސް ކުރެއެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓުން މިއަހަރު ފުރަތަމަ ގެނެސްދޭ ފިލްމު "ވަކިން ލޯބިން" ފުރަތަމަ ޕްރޮމޯޝަން ލަވަ ރޭ ވަނީ ރިލީޒްކޮށްފައެވެ. "ޕަރީ" މި ލަވަ މި ވަނީ އާންމުންގެ ތެރެއަށް ދޫކޮށްލާފައެވެ.

އަންނަ މާޗު މަހު އޮލިމްޕަސް ސްކްރީނަށް އަންނަ އެ ފިލްމުގެ ލަވަ އަކީ ޒުވާނުންގެ މެދުގައި މަގްބޫލު ބޭންޑް، އިކުއޭޓިކް ވައިބް ލީޑް ވޯކަލިސްޓް ޝަމްއޫން މުހައްމަދު (ޝައްމު)ގެ ހިތްގައިމު އަޑުން އިވިގެންދިޔަ ވަރަށް ވެސް ފުރިހަމަ ލަވަ އެކެވެ.

ޝައްމުގެ އަޑުން އިވިގެންދާ އެ ލަވައަކީ ހިތްގައިމު މަޑުމައިތިރި ލަވަ އެކެވެ. ލަވައިން ދައްކުވައިދިނީ ބައްޕަ އަކު އޭނާގެ ދަރިފުޅާ އެކު އޮންނަ ގުޅުމެވެ. ވަރަށް ވެސް ލޯތްބެވެ.

އެންމެ ފަހުން ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓް ކުރާ އެ ފިލްމުގެ ޓިކެޓް އޮންލައިންކޮށް ބުކް ކުރެވޭ ގޮތް މިހާރު ވަނީ ހަދާފައެވެ.

ޓިިކެޓް ބުކް ކުރުމަށް ފިލްމުގެ ފޭސްބުކް ޕޭޖަށް، ފޯނު ނަމްބަރާއި، ޓިކެޓް ބޭނުންވާ ތާރީޚް އަދި ޓިކެޓް ބޭނުންވާ އަދަދު ފޮނުވާލުމުން ޓިކެޓް ބުކް ކުރެވިގެން ދާނެއެވެ.

"ވަކިން ލޯބިން"ގެ ލީޑް ތަރިންގެ ގޮތުގައި ފެންނާނީ ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ އެވެ.

މީގެ އިތުރުން ނުޒުހަތު ޝުއައިބު، ހަދީޖާ އިބްރާހިމް (ކުޑަހައްޖަ)، އަހުމަދު ސުނީ، އާދަމް ރިޒްވީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ފެނުނު އިބްރާހިމް އަމަން ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމުގައި އަމިއްލަ ރާގުގެ ލަވަތައް ހިމެނޭއިރު މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ރަނަރަޕް ހަމޫދުގެ އަޑުން ކިޔާދީފައިވާ "ހިތުގަ ނަށާ ރާނީ" ވެސް ހިމެނެ އެވެ.

ޑާކްރެއިންގެ ފިލްމުތަކަށް އާންމުކޮށް ލަވަ ކިޔައިދޭ ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ)ގެ އަޑުންއިވިގެންދާ ލަވަ "ބީވީމާ"ވަނީ މިހާރު އާންމުންނަށް ދޫކޮށްލާފައެވެ.

އޭގެ އިތުރުން ސްކޯޒް އޮފް ފްލެއާގެ މަޝްހޫރު ލަވަ "ލޯބިން" އަދި "ރަންކޮކާލާ" އަކީ ވެސް އެ ފިލްމުގައި ހިމެނޭނެ ދެލަވައެކެވެ.

"ވަކިން ލޯބިން" ވެގެން ދާނީ ޑާކްރެއިން އެންޓަޓެއިންމަންޓް އިން ގެނެސްދޭ ތަފާތު ރީތި ފިލްމަކަށެވެ.