19 Jan 2018, 14:38
ޕާކިސްތާނުގައި ރޭޕްކޮށް މަރާލައިފައި އޮއްވާ ފެނުނު ޒައިނަބު އަންސާރީ މަރާލައި އެއްލައިލައިފައި އޮތް ސަރަަހައްދުން ގާތިލް ކަމަށް ޝައްކުކުރެވޭ އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި، ރަންޖާ ނަމަކަށް ކިޔާމީހާ ހައްޔަރުކޮށްފައިވަނީ ކުރިން އެ މައްސަލައިގައި ހައްޔަރުކުރި އުމަރު ކިޔާމީހަކު ދިން މައުލޫމާތަކާ ގުޅިގެންނެވެ.
ޒައިނަބް މަރާލާފައި އޮއްވާ ފެނުނީ މީގެ ދެ ހަފްތާ ކުރިންނެވެ. ފުލުުހުން އެ މައްސަލަ ތަހުގީގުކުރަމުންދާއިރު މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ޕާކިސްތާނުގެ ސުޕްރީމްކޯޓުން ވެސް ވަނީ އެ މައްސަލައިގައި އެއްވެސް ކުރިއެރުމެއް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފުލުހުން މިހާތަނަށް ވަނީ އެ މައްސަލައާ ގުޅިގެން 15 މީހުން ހައްޔަރުކޮށްފައެވެ. އަދި 449 މީހެއްގެ ޑީއެންއޭ ވެސް ނަގައިފައެވެ.
ފުލުހުން ވަނީ ޒައިނަބު އެންމެފަހުން މީހަކާއެކީ ހިނގާފައިދާތަން ފެންނަ ސީސީޓީވީ ފޫޓޭޖެއް އާންމުކޮށްފައެވެ. އަދި އެ ފޫޓޭޖުން ފެންނަ ކަމަށް ޝައްކުކުރެވޭ މީހަކު އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ.
ޒައިނަބުގެ ޕޯސްޓްމޯޓަމް ހެދި ޑިސްޓްރިކްޓް ހެޑްކުއާޓާސް ހޮސްޕިޓަލާ ހަވާލާދީ ޕާކިސްތާނުގެ ޑޯން ނޫހުން ބުނީ ޒައިނަބު މަރައިލައިފައިވަނީ ނޭވާ ހާސްކޮށްލައިގެންނެވެ. އަދި ޒައިނަބު ރޭޕްކޮށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ފެނިފައިވާ ކަމަށާއި އެކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ މަރުވިތާ ދޭއް ނުވަތަ ހަތަރު ދުވަސް ފަހުން ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ނޫހުން ބުންޏެވެ.
ޕަންޖާބުގެ ސަރުކާރުން ވަނީ ޒައިނަބު މަރާލި މީހަކު ހޯދުމުގައި އެހީތެރިވާ މިހަކަށް 10 މިލިއަން ރުޕީސް (90،000 ޑޮލަރު) ހުށަހަޅައިފައެވެ.
މަސްދަރު:ޖިއޯ ނިއުސް