ބާސެލޯނާގެ ޑިފެންޑަރު ޖެރާޑު ޕީކޭ އެ ކްލަބާއެކު ކޮންޓްރެކްޓް އައުކޮށްފިއެވެ.

ބާސާއާއެކު ވެފައިވާ އެއްބަސްވުން ޕީކޭ އައުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނިޔަލަށެވެ. އުމުރުން 30 އަހަރުގެ ސްޕެއިން އަދި ބާސެލޯނާގެ ޑިފެންޑަރު ޕީކޭގެ ރިލީސް ފީއަކަށް ބާސާއިން ކަނޑައަޅާފައިވަނީ 440 މިލިއަން ޕައުންޑެވެ.

ބާސެލޯނާއަކީ ޕީކޭގެ އުފަން ސިޓީ ކަމަށްވާ ކެތަލޫނިއާއަށް ނިސްބަތްވާ ޓީމެކެވެ. 1997 ވަނަ އަހަރުން ފެށިގެން ބާސާގެ ޔޫތު އެކަޑެމީގައި ހޭދަކުރި ޕީކޭވަނީ 2003 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ. އެ ކްލަބާއެކު އޭނާ ހޭދަކުރި ތިން ސީޒަންގައި ކުޅެފައިވަނީ 23 މެޗެވެ.

ޕީކޭ އެނބުރި ބާސާއާ ގުޅުނީ 2008 ވަނަ އަހަރުގައެވެ. އޭގެ ފަހުން ބާސާއަށް 422 މެޗު ކުޅެދީފައިވާ ޕީކޭއަކީ ކްލަބު އަދި ގައުމީ ޓީމާއެކުވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކުޅުންތެރިއެވެ.

ބާސާއާއެކު 20 ތަށި ހޯދާފައިވާ ޕީކޭވަނީ ހަފަހަރު ސްޕެނިޝް ލަލީގާ ކާމިޔާބުކޮށް ތިންފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުވެސް އެ ކްލަބާއެކު ކާމިޔާބުކޮށްފައެވެ.

ގައުމީ ޓީމާއެކު ޕީކޭވަނީ 2012 ވަނަ އަހަރު ޔޫރޯ ކާމިޔާބުކޮށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕު ތަށިވެސް އުފުލާލާފައެވެ. މެންޗެސްޓާ ޔުނައިޓެޑްގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން 2007-08 ވަނަ އަހަރުގެ ސީޒަންގައި އޭނާވަނީ ޕްރިމިއާ ލީގުގެ ތަށިވެސް އެޓީމާއެކު އުފުލާލާފައެވެ.