18 Jan 2018, 19:32
ނިމިދިޔަ 2017 ވަނަ އަހަރު ރައްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ރަސްމީ އަދަދަކީ 1،389،542 އެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ރިކޯޑެކެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ ތަފާސް ހިސާބުތައް ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ އިރު، ރާއްޖެއަށް މިއަހަރު 1.3 އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައި ފަތުރުވެރިންނަކީ ވިލާތުގެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅު، ޔޫރަޕުގެ މެދުތެރެ، އިރުމަތި އަދި ދެކުނުގެ ގައުމުތަކުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ޖުމްލަ އަދަދުގެ 44 ޕަސަންޓު ހިއްސާކުރަނީ އޭޝިއާ ޕެސިފިކަށް ނިސްބަތްވާ ގައުމުތަކަށް ނިސްބަތްވާ ޓޫރިސްޓުންނެވެ. އޭގެ ތެރެއިން ޗައިނާއަކީ އަދިވެސް ރާއްޖޭގެ އެންމެ ބޮޑު މާކެޓެވެ. މިދިޔަ އަހަރު ޗައިނާއިން ތިން ލައްކަ ފަތުރުވެރިން ރާއްޖެ އައި ނަމަވެސް، 2016 ވަނަ އަހަރާ އަޅާ ބަލާއިރު ޗައިނާ މާކެޓު ވަނީ ފަސް ޕަސަންޓުން ދަށްވެފައެވެ.
ޖުމްލަކޮށް 2016 އާ އަޅާ ބަލާއިރު 2017 ގައި ރާއްޖޭގެ ޓޫރިސްޓް އެރައިވަލްސް ވަނީ އަށް ޕަސަންޓުން ކުރިއަރައިފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ބެޑް ކެޕޭސިޓީގެ މިންވަރު ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 10 ޕަސަންޓުގެ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިދިިޔަ އަހަރު ނިމުނު އިރު ފަތުރުވެރިކަމުގެ ޚިދުމަތް ދޭ 736 ތަނެއްގައި، ޖުމްލަ 41،255 އެނދު ވަނީ ރެޖިސްޓްރީ ކޮށްފައެވެ.