ގާހިރާ (ޖެނުއަރީ 18): މިސްރުގައި 2015 ވަނަ އަހަރު ހިންގި ހަމަނުޖެހުންތަކެއްގައި ބައިވެރިވި ކަމުގެ ކުށުގައި އެގައުމުގެ ދީނީ އިލްމުވެރިޔާ ޔޫސުފް އަލް ގަރުޟާވީ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

އިއްޔެ މިސްރުގެ އަސްކަރީ ކޯޓަކުން ވަނީ އެހަމަނުޖެހުންތަކާ ގުޅުން ހުރި މައްސަލަތަކުގައި އަށް މީހަކަށް މަރުގެ ހުކުމްކޮށް، 17 މީހަކު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އޭގެ ތެރެއިން ގަރުޟާވީ އާއި އިތުރު ނުވަ މީހެއްގެ މައްޗަށް ހުކުމްކޮށްފައި ވަނީ އެމީހުންގެ ޣައިރު ހާޒިރުގަ އެވެ.

ގަތަރުގައި ދިރިއުޅުއްވާ ގަރުޟާވީގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި މީހުން މެރުމަށް ހިތްވަރު ދިނުމާއި ދޮގު ހަބަރު ފެތުރުމާއި އާއްމު ތަންތަނުގައި ހުރި ތަކެއްޗަށް ގެއްލުން ދިނުން ހިމެނެ އެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ޝަރީއަތްތަކުގައި ހުކުމް ކުރި އެންމެންނަށް މައްސަލަ އިސްތިއުނާފު ކުރެވޭނެ އެވެ. އަދި ޣައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންދިޔަ މީހުން ހައްޔަރުކޮށްފި ނަމަ ނުވަތަ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ ނަމަ އެ މައްސަލަ އަލުން ކޯޓަށް ހުށަހެޅިދާނެ އެވެ. (އަލްޖަޒީރާ)