19 Jan 2018, 14:13
ސްޕެއިންގެ މެޑްރިޑް އަދި އިންޑިއާގައި ކުރިއަށްދާ އެންމެ ބޮޑު ޓްރެވަލް ފެއާގައި ރާއްޖެއިން ބައިވެރި ވެއްޖެއެވެ.
އިއްޔެން ފެށިގެން މާދަމާގެ ނިޔަލަށް އިންޑިއާގެ މުމްބާއިގައި ކުރިއަށްގެންދާ އައުޓްބައުންޑް ޓްރެވަލް ފެއާ (އޯޓީއެމް)ގައި ރާއްޖެ ތަމްސީލް ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއެކު ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 15 ކުންފުންޏަކުން 23 ފަރާތެއްވަނީ ބައިވެރިވެފައެވެ.
އެމްއެމްޕީއާރުސީން ބުނީ،އެ ފެއާގައި ބޮޑަށް އިސްކަންދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި މަންޒިލުތަކުގެ ތެރެއިން އިންޑިއާގެ ފަތުރުވެރިން ޝައުގުވެރިވާނެ މަންޒިލްތައް ދައްކާލައި، އިންޑިއާ ފަތުރުވެރިން އައުން ގިނަކުރެވެން ހުރި ކަންކަމުގެ މައްޗައް ކަމަށެވެ.

އިންޑިއާގެ އެންމެ ބޮޑު ޓްރެވަލް މާކެޓްގައި ރާއްޖެއިން ބައިވެރިވުން -- ފޮޓޯ/ އެމްއެމްޕީއާރުސީ
އިންޑިއާގައި ބާއްވާ ފެއާގެ އިތުރުން ބުދަ ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްގެންދާ ފިތޫރް ފެއާގައި އެމްއެމްޕީއާރުސީއާއެކު ރާއްޖެ ތަމްސީލް ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 22 ކުންފުންޏަކުން 38 ބޭފުޅުން ބައިވެރިވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާ ޕްރޮމޯޓްކޮށް މާކެޓް ކުރުމަށްޓަކައި އެމްއެމްޕީއާރުސީއިން މި މަހު އަދި އިތުރު ތިން ފެއާއެއްގައި ބައިވެރިވާން ނިންމާފައިވެއެވެ. އޭގެ ތެރޭގައި، ޖެނުއަރީ 25-28 އަށް ސުވިޓްޒަލެންޑުގެ ޒިއުރިކްގައި ކުރިއަށްދާ ޓުއަރިޒަމް ފެއާ "ފެސްޕޯ 2018"، ތުރުކީގެ އިސްތަންބޫލުގައި ޖެނުއަރީ 25-28 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ "އެމިޓް 2018" އަދި ޖަރުމަނުގެ ޑަސްލްޑޯފްގައި ޖެނުއަރީ 20-28 އަށް ކުރިއަށްދާ "ބޫޓް" ފެއާ ހިމެނެއެވެ.