ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ހުރި ކަންބޮޑުވުންތައް އިނގިރޭސި ވިލާތުން ރާއްޖެ އަށާއި ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސްއާ ހިއްސާކޮށްފި އެވެ.

މިއަދު ސްރީ ލަންކާގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކާ އެކު ހުރި ފޮޓޯއެއް ޑޯރިސް ވަނީ ޓުވީޓް ކުރައްވައިފަ އެވެ.

ޑޯރިސްގެ ޓުވީޓްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ހުރިހާ އިދިކޮޅު ޕާޓީތަކުން މިއަދު އޭނާއާ ބައްދަލުކޮށް ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިއަހަރު އޮންނަ ރިޔާސީ އިންތިހާބު މިނިވަން އިންސާފްވެރި އިންތިހާބަކަށް ނުވާނެ ފަދަ ކަންތައްތަކެއް ފެންނަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށް ޑޯރިސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލިސް ހުއްޓިފައިވާ ކަމަށާއި އެކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ހިއްސާކުރަމުންދާކަން ވެސް އިދިކޮޅު ފަރާތްތަކުން ފާހަގަކުރި ކަމަށް ޑޯރިސް ވިދާޅުވި އެވެ.

މިއަދު ބޭއްވި އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެފައި ވަނީ އެ ޕާޓީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލްޣަފޫރު އާއި ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެފައި ވަނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު އާއި ކުރީގެ ފިޝަރީޒް މިނިސްޓަރު އަދި އެ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ކަމާލުއްދީނެވެ. އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވެފައި ވަނީ އެ ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު އާއި ފޮރިން ރިލޭޝަން ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފާއި މަޑުއްވަރީ ދާއިރާގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ މުހައްމަދު އަމީތު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.