00:28

ޖުމްހޫރީ ޕާޓީން މާދަމާ އިސްތިއުފާދެއްވާނެ ކަމުގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބު މިރޭ ވިދާޅުވެއްޖެ އެވެ.

މުއްތޮލިބު ވިދާޅުވީ، ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމެވީ، މިހާރު ޕާޓީ ތެރޭ ކަންތައްތައް ހިނގަމުންދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ ކަމަށާއި ޕާޓީއާ މެދު ކުރި އުއްމީދުތައް ގެއްލިފައިވާތީ ކަމަށެވެ. އެގޮތުން، ޕާޓީގެ ކައުންސިލުން ނިންމި އެއްވެސް ނިންމުމެއް ތަންފީޒު ކުރެވިފައި ނުވާ ކަމަށާއި ޕާޓީ ޕްރޮމޯޓް ކުރުމަށް ވެސް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމުގައި މުއްތޮލިބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޖުމްހޫރީ ޕާޓީއަށް އައިއިރުވެސް އުއްމީދަކީ 2013ގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުން. ފަހަރެއްގައި ޖުމްހޫރީ ޕާޓީން ވާދަކޮށްފާނެ. އެހެންނަމަވެސް، ޖުމްހޫރީ ޕާޓީގެ ކްރެޑިޓް މަޑުމަޑުން ގެއްލޭ ކަހަލަ ކަންތައްތައް ގިނަ ފަހަރު ދިމާވަމުން ދަނީ،" މުއްތޮލިބު ވިދާޅުވި އެވެ. "އެހެންވީމަ ކޮންމެހެން މާޔޫސްވެފައި ހުންނަން އަޅުގަނޑު ބޭނުން ނުވަނީ،"

މުއްތޮލިބު ވިދާޅުވީ، ކައުންސިލްގައި ހުންނަވައިގެން ނިންމެވި ވަރަށް ގިނަ ކަންތައްތައް ޕާޓީ ތެރެއިން "ހަލާކު"ކޮށްލާފައިވާ ކަމަށެވެ. އެގޮތުން އެ ނިންމުންތަކުގެ މައުލޫމާތު އެމްޑީޕީއަށް ފޯރުކޮށް، އެކަން ވިޔަ ނުދިން މަންޒަރު ފެނިވަޑައިގެންފައިވާ ކަމުގައި މުއްތޮލިބު ވިދާޅުވި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޑރ. އިބްރާހިމް ދީދީ އާއި ތަލްހަތު އިބްރާހިމަށް ރުހުން ދޭން ފެންނަ ކަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވޯޓުދެއްވުމާ، ޕާޓީން އިސްތިއުފާދެއްވަން ނިންމެވުމާ އެއްވެސް ގުޅުމެއްވޭތޯ ސުވާލު ދެންނެވުމުން މުއްތޮލިބު ވިދާޅުވީ، ޑރ. ޑީޑީއާއި ތަލްހޮތާ ދެކޮޅަށް އޭނާ ވޯޓު ދެއްވީ "އަމިއްލައަށް ވިސްނާފައި" ކަމަށެވެ. އެކަމުގައި ޕާޓީން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަޝްވަރާ ނުކުރެވުމަކީ ޕާޓީގެ އެންމެ ބޮޑު މައްސަލަ ކަމުގައި މުއްތޮލިބު ފާހަގަކުރެއްވި އެވެ.

"މަޝްވަރާ ނުކުރެވޭ މައްސަލަ އެންމެ ބޮޑު މައްސަލައަކީ. ސިޔާސީ ޕާޓީއެއް ކަމުގައިވަންޏާ ސިޔާސީ ލީޑަރުން މެދުގައި ކަންކަމާމެދު މަޝްވަރާކޮށް ގޮތެއް ނިންމެން ވެސް ޖެހޭނެ ނުންތޯ؟" މުއްތޮލިބު ސުވާލު ކުރެއްވި އެވެ.

އަދި ވިދާޅުވި އެވެ: "ގާސިމް ބިޒީ ކަމުން އަޅުގަނޑަށް ވަގުތެއް ވެސް ނުދެއްވޭ. އަޅުގަނޑު މެސެޖެއް ފޮނުވާލިއަސް ގިނަފަހަރު ޖަވާބެއް ނުއެއް ދެއްވާނެ. އެހެންވީމަ މިހެން ކޮންމެހެން ހުންނަން ބޭނުންނުވާތީ މިގޮތަށް ނިންމީ."

ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތަސް އިތުރު ޕާޓީއަކާ މިވަގުތު ގުޅެން ނުވިސްނަވާ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

މުއްތޮލިބު މަޖިލީހަށް ހޮވިވަޑައިގެންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައި އެވެ. އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ނޮވެމްބަރު 11، 2010 ގައި އެވެ.