18 Jan 2018, 13:26
ރާއްޖޭގައި ގާނޫނާ ހިލާފަށް އެއްވެސް މީހަކު އަމަލުކުރާތަން ބަލާކަށް ފުލުހުން ނުތިބޭނެ ކަމަށް ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
ސުކޫލު ދެ ކުއްޖަކަށް ޖެހިޖެހިގެން ދެ ދުވަހު ދިން ހަމަލާތަކާ ބެހޭ ގޮތުން ދައުލަތުގެ ޓީވީގައި މިއަދު ވާހަކަފުޅު ދައްކަވަމުން އަޒުލީން ވިދާޅުވީ ހަމަލާ ދިން މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އަޒުލީން ވިދާޅުވީ ފުލުހުންގެ ގާނޫނީ ޒިންމާ ފުލުހުން އަދާކުރާކަން ދިވެހި ރައްޔިތުން ހެކިވާނެ ކަމަށެވެ. ގާނޫނާއި ގަވައިދާ ހިލާފަށް ކަންކަން ކުރާއިރު ބަލަން ފުލުހުން ނުތިބޭނެ ކަމަށް އަޒުލީން ތަކުރާރުކޮށް ވިދާޅުވި އެވެ.
އަދި އެފަދަ ކަންކަން ހިންގަނީ ޒިންމާ ނަގަން ޖެހޭ ފަރާތްތަކުން ޒިންމާ ނުނަގާތީ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި އަޒުލީން ވިދާޅުވީ "އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އޮޅުވާލަން" ކަމަށެވެ. އަދި މިއަށް ވުރެ ބޮޑަށް ޒިންމާ ނަގާ ސަރުކާރެއް ނޯންނާނެ ކަމަށް އަޒުލީން ވިދާޅުވި އެވެ.
"އެނގިވަޑައިގަންވާނެ މީން ކޮންމެ ހާދިސާއަކާ ވިދިގެން ވަގުތުން ފިޔަވަޅު އެޅިގެންދޭ. ސްކޫލެއް ތެރެއަށް ގަދަ ބާރުން ބަޔަކު ވަދެ މާރާމާރީ ހިންގި މީހުން، އެމީހުން ވަނީ ހައްޔަރު ކުރެވިފައި. އެއީ ޒިންމާ ނަގާތީ ދެއްތޯ،" އަޒުލީން ވިދާޅުވި އެވެ.
ގާނޫނު ހިންގައި ދަމަހައްޓައިގެން ގައުމެއް ހިންގަން ތަސައްރަފް ފުދިފައި އޮތް ސަރުކާރެއް މިހާތަނަށް ރާއްޖޭގައި މި ސަރުކާރު ނޫނީ ގާއިމްވެފައި ނޯންނާނެ ކަމަށް އަޒުލީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރަށް ވުރެ މިކަހަލަ ހުރިހާ ކަމެއްގައި ޒިންމާ ނެގޭ ސަރުކާރެއް މިހާތަނަކަށް ނާދޭ. އަޅުގަނޑުމެންނަށް މިފަދަ ހާދިސާއެއް ފެނުމާ އެކު އަޅަން ޖެހޭ ފިޔަވަޅުތައް ވަރަށް ވަރުދަގައަށް މިހާތަނަށް ވަނީ އެޅިފައި،" އަޒުލީން ވިދާޅުވި އެވެ.
ކޮންމެ ކަހަލަ މައްސަލައެއް ނަމަވެސް މައްސަލައާ ގުޅުން ހުރި މީހުން އަތިލައިގަނެ ގާނޫނުގެ ކުރިމައްޗަށް ގެންނަން މި ސަރުކާރު ފަސް ނުޖެހޭނެ ކަމަށް އަޒުލީން ވިދާޅުވި އެވެ. އެއީ ކޮރަޕްޝަންގެ މައްސަލައެއް ވިޔަސް މީހުން މެރުމުގެ މައްސަލައެއް ވިޔަސް ފަހަތަށް ނުޖެހޭނެ ކަމަށް އަޒުލީން ވިދާޅުވި އެވެ.
ޒުވާނުންނަކީ ޑްރަގްގެ ވަބާއިން ގެއްލި މީހުން ބަލައި ނުގަންނަ ބަޔަކަށް ވެފައި ވަނިކޮށް ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެ މަންޒަރު ބަދަލުކުރެއްވި ކަމަށް އަޒުލީން ވިދާޅުވި އެވެ.
ސުކޫލު ދެކުއްޖަކަށް ދިން ހަމަލާއާ ގުޅިގެން އަޒުލީން ވިދާޅުވީ އެއީ ސިޔާސީ ކަމަކަށް ހަދަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ކުޑަކުުއްޖަކަށް ދިމާވާ ކަމެއް ނަމަ އިދިކޮޅެއް އެއްކޮޅެއް ނުބަަލައި ގައުމީ ކަމެއް ގޮތުގައި ދެކުމަށް އަޒުލީން އިލްތިމާސް ކުރެއްވި އެވެ.
"އަޅުގަނޑު ހަމަ ޔަގީންކަން އަރުވަން އިނގޭތޯ. މިރެއިން ފެށިގެން ވެސް ވަރަށް ހާއްސަ ފިޔަވަޅުތަކެއް ފުލުހުން އަޅަމުން ގެންދާނެ،" ރޭ ދައުލަތުގެ މީޑިއާއިން ގެނައި ޕްރޮގްރާމެއްގައި އަޒުލީން ވިދާޅުވި އެވެ.