18 Jan 2018, 14:36
އައްޑޫސިޓީ ރައްޔިތުންގެ ޓްރަސްޓް ފަންޑްގެ ބަޖެޓުން އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ބުުނެފައިވަނީ، މިއަހަރު އައްޑޫސިޓީ ޓްރަސްޓް ފަންޑްގެ ބަޖެޓްގައި 3.5 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށާއި އެފަންޑުން އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތްތަކެއް މިހާރުވެސް ފަށާފައިވާ ކަމަށެވެ.
އައްޑޫސިޓީ ކައުންސިލުން ބުނީ، މިދިޔަ އަހަރު އައްޑޫ ޕީޕަލްސް ކޯޕަރޭޓިވްގެ މަސައްކަތާއި އައްޑޫސިޓީގެ ރައްޔިތުންނަށް އިގްތިސާދީގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއެރުން ހޯދައިދިނުމުގެ މަސައްކަތް ފަށާފައިވާއިރު މިއަހަރު އައްޑޫ ޓްރޭޑް ކޯޕަރޭޓިވްގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
މިއަހަރުގެ ބަޖެޓްގައި ކައުންސިލުން އެންމެ އިސްކަމެއް ދީފައިވަނީ އަވަށްތަކުގެ އުމުރާނީ ކަންކަން ކުރިއަރުވައި ރަށްވެހިކަމުގެ ކުރިއެރުން ހޯދުމަށްކަމަށް ކައުންސިލުން ބުންޏެވެ. އެގޮތުން މަސްވެރިންނާއި ދަތުރުވެރިންގެ ފަސޭހައަށްޓަކައި ނެރުބައްތި އާއި ދުރަށް އަލިފޮނުވައިދޭ ބައްތި ޖެހުމާއި، ބާބެކިއު އޭރިއާ ތަރައްޤީކުރުމާއި، ފެންބޮޑުވާ ސަރަހައްދުތަކުގެ ޑްރައިނޭޖް ސިސްޓަމް ރަނގަޅު ކުރުމުގެ މަސައްކަތުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކަށް 3 ލައްކަ ރުފިޔާ ހިމަނަފައި ވާކަމަށްވެސް ކައުންސިލުން ބުންޏެވެ.
މިއަހަރުގެ ބަޖެޓްގައި ކައުންސިލުން ކުރާނެ އާ ކަން ކަމުގެ ތެރޭގައި އަތްތެރި މަސައްކަތާއި ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމާއި، ފުޓްބޯޅަ މުބާރާތަކާއި ބެޑްމިންޓަން މުބާރާތެއް ބޭއްވުން ހިމެނެއެވެ.
އައްޑޫ ސިޓީ ކައުންސިލުން 2018 ވަނަ އަހަރަށް ފާސްކުރި މުޅި ބަޖެޓްގެ ޖުމުލައަކީ، 35864928.73 ރުފިޔާއެވެ. މި އަހަރުގެ ބަޖެޓް ފާސްކުރިއިރު ކައުންސިލަށް މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަކީ ހަތްލައްކަ ރުފިޔާއެވެ.