ގުދުސް (ޖެނުއަރީ 18): ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް މަސައްކަތް ކުރާ އުމުރުން 16 އަހަރުގެ އަހަދު ތަމީމީ އާއި އޭނާގެ މަންމަގެ ޝަރީއަތް ނިމެންދެން ދެ މީހުން ބަންދުގައި ބޭތިއްބުމަށް އިސްރާއީލުގެ ކޯޓަކުން އަމުރުކޮށްފި އެވެ.

އިސްރާއީލް ފުލުހުން މިދިޔަ މަހު އަހަދު ހައްޔަރު ކުރީ އޭނާ އާއި އޭނާގެ ދެބެންގެ ދެދަރި ނޫރު ތަމީމީ ފުލުހެއްގެ މޫނުމަތީގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ވުމުންނެވެ. އެހާދިސާއާ ގުޅިގެން ނޫރުގެ މައްޗަށް ސިފައިންގެ މީހަކަށް ހަމަލާ ދިނުމާއި ސިފައިންގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާކޮށްފައިވާ އިރު އަހަދުގެ މައްޗަށް 12 ދައުވާއަކާއި އޭނާގެ މަންމަގެ މައްޗަށް ފަސް ދައުވާއެއްކޮށްފައިވެ އެވެ.

މިދިޔަ މަހުގެ 15ގައި ހިނގި އެ ހާދިސާއާ ގުޅިގެން އަހަދު ކޯޓަށް ހާޒިރު ކުރުމުން އޭނާ ބުނި ގޮތުގައި އެ ހާދިސާ ހިނގުމުގެ ކުރިން ވީޑިއޯއިން ފެންނަ ސިފައިންގެ މީހާ ވަނީ އޭނާގެ ކޮއްކޮގެ މޫނަށް ރަބަރު އުންޑަ ޖަހައިފަ އެވެ. އޭގެ ސަބަބުން އެކުއްޖާ ތިން ދުވަސް ވަންދެން ކޯމާއެއްގައި އޮތް ކަމަށް ފަލަސްތީނުގެ ނޫސްތަކުން ބުނެ އެވެ.

އެމައްސަލައިގެ އަޑު އެހުން ދެން އޮތީ އަހަދަށް 17 އަހަރު ފުރޭ ދުވަސް ކަމަށްވާ މިމަހުގެ 31ގަ އެވެ. އަދި އަހަދުގެ މަންމަ އާއި ނޫރު ދެން ކޯޓަށް ހާޒިރު ކުރާނީ އަންނަ މަހުގަ އެވެ.

ތަމީމީ އާއިލާއަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވުމާ ދެކޮޅަށް ބާއްވާ ސުލްހަވެރި މުޒާހަރާތަކުގައި އާއްމުކޮށް ބައިވެރިވާ އާއިލާއެކެވެ. އޭގެ ސަބަބުން އިސްރާއީލް ސިފައިން ވަނީ އަހަދުގެ ބައްޕަ ބާސިމް ތަމީމީ އާއި މަންމަ ނަރީމާން އެތައް ފަހަރަކު ހައްޔަރުކޮށްފަ އެވެ. އަދި މީގެ ކުރިން އިސްރާއީލުން ވަނީ ޝަރީއަތަކާ ނުލައި ތިން އަހަރު ވަންދެން ބާސިމް ބަންދުގައި ބަހައްޓާފަ އެވެ. (އަލްޖަޒީރާ)