18 Jan 2018, 12:54
ރިޝްވަތު ހުށަހެޅިކަމުގެ ދައުވާ އުފުލާފައިވާ ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ފާރިސް މައުމޫންއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ފޮރެންސިކް ހެކިތައް މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް ތަހްލީލު ކުރާނެ ބަޔަކު ހޯދަން ހަތް ދުވަސް ފާރިސްއަށް ކްރިމިނަލް ކޯޓުން ދީފި އެވެ.
ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގައި މިއަދު އޮތީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާފައިވާ ކަންތައްތަކާ މެދު ގޮތެއް ނިންމުމެވެ. ނަމަވެސް މިއަދުގެ އަޑުއެހުން ފެށުމާ އެކު ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ކުރިން ހުށަހަޅާފައިވާ ގޮތަށް ފޮރެންސިކް ހެކި އިތުރަށް ތަހްލީލް ކުރުމަށް ބޭނުންވާ ކަމަށާއި އަދި ވަރަށް އަވަހަށް އެކަން ކުރާނެ ބަޔަކު ހޯދިދާނެ ކަމަށެވެ.
މައުމޫން ހަމީދުގެ ހުށަހެޅުމަށް މީގެ ކުރިން ވެސް ދައުލަތުގެ ވަކީލާ ދެކޮޅު ހައްދަވާފައެއް ނުވެ އެވެ. އަދި މިއަދުގެ އަޑުއެހުމުގައި ވެސް ދައުލަތުން އެކަމަށް އިއުތިރާޒްކޮށްފައެއް ނުވެ އެވެ.
އެހެންކަމުން ގާޒީ ވަނީ ހަތް ދުވަހުގެ ތެރޭގައި ފޮރެންސިކް ހެކި ތަހްލީލް ކުރާނެ ފަރާތެއް ހަމަޖައްސައި އެކަން ކޯޓަށް ލިއުމަކުން އެންގުމަށް ފާރިސްއަށް އަންގައިފަ އެވެ. އަދި ހަތް ދުވަހުގެ ތެރޭގައި ސިޓީއަކުން އަންގާފައި ނުވާ ނަމަ އެ ފުރުސަތު ގެއްލޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ފޯނުގެ ފޮރެންސިކް ރިޕޯޓާ ގުޅިގެން ފާރިސްގެ ވަކީލުން މީގެ ކުރިން ފާހަގަކުރި މައްސަލައަކީ ފުލުހުން އެ ފޯނު ހިފެހެއްޓި ތާރީޚުގެ ފަހުން އެ ފޯނަށް ލިބިފައި ހުރި ފޮޓޯތަކެއް އެ ރިޕޯޓުގައި ހުށަހަޅާފައި އޮތުމެވެ. ފޯނު ހިފެހެއްޓި ތާރީހެއްގެ ގޮތުގައި އެ ރިޕޯޓުގައި އޮތީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހެވެ. ނަމަވެސް ރިޕޯޓުގައި ފާހަގަ ކޮށްފައި އޮތް ފޮޓޯއަކީ ޖޫން 15 ވަނަ ދުވަހުގެ ފޮޓޯއެކެވެ.
އެހެންކަމުން ފާރިސްގެ ވަކީލުން ވަނީ އެ ރިޕޯޓް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ ހެކި އިތުރަށް ތަހްލީލް ކުރަން ބޭނުންވާ ކަމަށް ހުށަހަޅައިފަ އެވެ.
މައުމޫނު ހަމީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުން މީގެކުރިން ބުނެފައި ވަނީ އެ ފޯނު ހިފެހެއްޓި ތާރީޚުގެ ގޮތުގައި ޖޫން މަހުގެ ފަސް ވަނަ ދުވަސް ލިޔެފައި އޮތީ އޮޅުމަކުން ކަމަށާއި ރަނގަޅު ގޮތަކީ ޖުލައި މަހުގެ ފަސް ވަނަ ދުވަސް ކަމަށެވެ.