18 Jan 2018, 13:15
ފާއިތުވި ޑިސެމްބަރު މަހު ޖެންޑާ މިނިސްޓްރީ އަށް 203 މައްސަލަ ހުށަހެޅުނު ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންނާ ގުޅޭ 87 މައްސަލަ ހިމެނޭ ކަމަށްް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު ވެސް އެ މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކުގެ ތަފާސް ހިސާބުތައް އާއްމު ކުރެ އެވެ. ފާއިތުވި ޑިސެމްބަރު މަހުގެ ތަފާސް ހިސާބުތައް މިއަދު އާންމުކޮށްފައިވާ އިރު އެ ތަފާސްހިސާބުތައް ދައްކާގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާ އާ ގުޅޭ 87 މައްސަލައެއް ޑިސެމްބަރު މަހު ވަނީ ހުށަހަޅައިފަ އެވެ. އެއީ މިދިޔަ މަހުގެ ހުށަހެޅުނު މައްސަލަތަކުގެ 43 ޕަސެންޓް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ މައްސަލަތައް ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކޮށްގެން 29 މައްސަލައެއް ޑިސެމްބަރު މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

ފާއިތުވި ޑިސެމްބަރު މަހު ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސް ހިސާބު --- ފޮޓޯ: ޖެންޑާ
މީގެ އިތުރުން ކުޑަކުދިންނަށްކުރާ ޖިސްމާނީ ހާނީއްކައިގެ 27 މައްސަލަ އާއި ކުޑަކުދިންނަށް އިހުމާލުވުމުގެ 13 މައްސަލަ، އާއި ނަފްސާނީ ހާނީއްކައިގެ 10 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ފަސް މައްސަލަ އެއް މިދިޔަ މަހު ހުށަހެޅިފައިވާ ކަމަށް ޖެންޑާ އިން ބުނެއެވެ.
އަދި އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ ނުވަތަ ސައިބާ ބުލީންގެ ޝިކާރައަކަށްވުމުގެ ދެ މައްސަލަ އަކާއި ކުދިންގެ ނާޖާއިޒުފައިދާ ނެގުމުގެ އެއް މައްސަލަ މިދިޔަ މަހު އެ މިނިސްޓްރީ އަށް ވަނީ ހުށަހެޅިފަ އެވެ.
ޖެންޑާގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެކި ބާވަތްތަކުގެ ކުށް ކޮށްގެން 10 ކުޑަކުއްޖެއްގެ މައްސަލަ މިދިޔަ ޑިސެމްބަރު މަހު އެމިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ.
މީގެ އިތުރުން ކުޑަކުދިންގެ އަހުލާގީ މައްސަލަތަކާ ގުޅިގެން ހަތް މައްސަލައެއް މިދިޔަ މަހު ޖެންޑާއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަ އެވެ.
ވަކި ޖިންސަކަށް ނިސްބަތްވާތީ ކުރާ އަނިޔާގެ 38 މައްސަލައެއް ވެސް މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށް އެމިނިސްޓްރީ އިން ބުންޏެވެ. މިއީ މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ 19 ޕަސެންޓެވެ.
މީގެ ތެރޭގައި ނަފްސާނީ އަނިޔާ ދިނުމާއި ޖިސްމާނީ އަނިޔާ ދިނުން އަދި ގަދަކަމުން ޖިންސީ އަނިޔާ ކުރުމުގެ މައްސަލައަކާއި އިހުމާލު ވުމާއި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލައެއް ހިމެނޭ ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުންޏެވެ.