އަންނަ މަހުން ފެށިގެން ކޮންމެ ހަފްތާ އަކު އެއްފަހަރު، އެ ހަފްތާއެއްގައި ސަރުކާރުންނާއި ދައުލަތުން ކުރި ހުރިހާ ހަރަދެއް ޝާއިއު ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ މިރޭ އެވެ.

ދައުލަތުގެ މާލީ އަދި އިގުތިޞާދީ އިސްލާޙުގެ އިފްތިތާހީ ދަރުބާރުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ، ދިވެހި ރައްޔިތުންގެ މިލްކެކެވެ. އަދި ރާއްޖޭގެ ވިޔަފާރިވެރިން އުފައްދާ މުއްސަނދި ކަމެކެވެ. އެހެންވީމާ، އެމުއްސަނދި ކަމާއި އެފައިސާ، ދިވެހި ދައުލަތަށްޓަކައި ދިވެހި ސަރުކާރުން ބަލަމުން ގެންދަން ޖެހޭނީ، އިންސާފުވެރިކަމާއި އަދުލުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ކުރާ ހަރަދުތަކުގެ ތެރެއިން، އެއްވެސް ހަރަދެއް ރައްޔިތުންނަށް ނޭނގި ބާއްވަން ބޭނުންފުޅުނުވާކަމަށެވެ.

"އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން، މިސަރުކާރުގައި މިހާރު މިއުފެދިފައިވާ އެންމެހާ މުސްތަގިއްލު މުއައްސަސާތައް މެދުވެރިކޮށް، ސަރުކާރުން ކުރާ ހަރަދުތަކުގެ ތެރެއިން އެއްވެސް ހަރަދެއް، ތިޔަބޭފުޅުންނަށް ނޭނގިއެއް ބާއްވާކަށެއް ބޭނުމެއްނުވޭ. އިރާދަކުރެއްވިއްޔާ، މިއަންނަ މަހުއްސުރެ ފެށިގެން ކޮންމެ ހަފްތާއަކު އެއްފަހަރު، އެ ހަފްތާއެއްގައި ސަރުކާރުން، ދައުލަތުން ކުރެވުނު ހުރިހާ ހަރަދެއް ޝާއިއު ކުރަމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

އަދި ދައުލަތަށް ލިބޭ އެއްޗަކުން ކުރާ ހަރަދެއް، މުސްތަގިއްލު މުއައްސަސާތައް މެދުވެރިކޮށް ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށް ވިދާޅުވެ، އެ އާދަ އަޅުގަނޑުމެންގެ ތެރޭގައި އަށަގެންނެވުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ.

"އަޅުގަނޑުމެންގެ މިހާރު އެބަހުރި މުސްތަގިއްލު މުއައްސަސާތައް. އޮޑިޓަރ ޖެނެރަލެއް އެބަހުރި. އެންޓި-ކޮރަޕްޝަން ކޮމިޝަނެއް އެބައޮތް. އަދި ވަރަށް ހަލުވިކަމާއި އަދި އެހާމެ ބާރަށް ހިނގަމުންދާ، ޖޯޝާއެކު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހެއް އަޅުގަނޑުމެންގެ އެބައޮތް. އެ މަޖިލިސް މެދުވެރިކޮށްވެސް އަދި އެހެންވެސް މުއައްސަސާތައް މެދުވެރިކޮށް، މިދައުލަތަށް ލިބޭ އެއްޗަކުން ކުރާ ހަރަދެއް، ރާއްޖޭގެ ރައްޔިތުންނަށް ސާފުވާން ޖެހޭނެ،"

އެހެންނަމަވެސް، އެ އާދަ އަޅުގަނޑުމެންގެ ތެރޭގައި އަށަގެންނެވުމަކީ، މި ސަރުކާރަށް އުނދަގޫ ކަމަކަށް ވެދާނެ ކަމަށާއި ނަމަވެސް އެކަމަކީ އަންނާންހުރި ސަރުކާރުތަކަށާއި، ދެން އުފަންވާން އޮތް ދިވެހި ޖީލަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

އަދި އެމަނިކުފާނު ވިދާޅުވި އެވެ: "އެއްވެސް ވެރިޔަކު މީގެ ފަހަކަށް ހިތުލައްވައިގެން ނުވާނެ، ދިވެހި ދައުލަތުގެ މިލްކިއްޔާތަކީ، ތިމަންނާގެ އަމިއްލަ އެއްޗެއް ކަމަކަށް. ދިވެހި ދައުލަތުގެ އެއްވެސް އެއްޗަކީ، އެއްވެސް ވެރިޔެއްގެ އެއްޗެއް ނޫން. އެއީ ރާއްޖޭގެ ޤާނޫނުތައް ބަޔާންކުރާ ގޮތުގެ މަތިން، ރާއްޖޭގެ އެންމެހާ ރައްޔިތުން ހެޔޮގޮތުގައި ބޭނުންކުރާންހުރި ތަކެތި."

ޓެކްސްގެ ފައިސާއިން ކުރުމަށް ނިންމާފައި ހުރި ކަންތައްތަކުގެ ތެރޭގައި ފުރިހަމަ ސިއްހަތެއް ފޯރުކޮށްދިނުމާއި، ދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމާއި، ރައްޔިތުންނަށް ރިވެތި ބޯހިޔާވަހިކަމެއް ހޯދައިދިނުން ހިމެނޭ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ފަސޭހަކަމާއެކީގައި އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވޭނެ ގޮތްތަކެއް ހޯދައިދިނުމާއި، ދަރިން ޑްރަގްގެ ޝިކާރައަކަށްވެ ނުދިޔުމާއި، ކާބޯތަކެތީގެ އަދި ދިރިއުޅުމުގެ އަގަކީ، އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން ފުއްދޭނެ ގޮތަކަށް ހަމަޖެހިފައި ހުރި އަގުތަކަކަށްވުން ހިމެނޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ޓެކްސްގެ ނިޒާމު ތައާރުފްވެފައި ވަނީ، ވަރަށް ބޮޑެތި ހައިޖާނުގެ ތެރޭގައި ކަމަށާއި، ވިޔަފާރިވެރިންނާއި، އާންމު ރައްޔިތުންނާ، ދެފަރާތް މޫނުކެނޑި، ކިތަންމެ ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ގައުމުތައް ވެއްޓިގެންދާ ހިސާބުގައި ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ. ނަމަވެސް، ރާއްޖެއަށް ޓެކްސްގެ ނިޒާމް ތައާރުފް ކުރުމުގައި، ވާހަކަ ދައްކައިގެން ހައްލު ކުރެވެން ހުރި ކަންކަން ހައްލުކޮށްގެން، އެކައްޗެއް ކިޔައިގެން ނުކުމެ، ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުން ސަރުކާރުގެ ކިބައިގައި އެބަހުރިކަމަށް ރައީސް ވިދާޅުވި އެވެ.