އީސާ ޝަރީފުގެ ނަން މީގެ ކުރިން އަޑު އިވެނީ ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގައެވެ. ނަމަވެސް އަހަރުތަކެއް ކުރިން އީސަ ވަނީ އެ ދާއިރާ އެއްކޮށް ދޫކޮށްލައިފައެވެ. މުޅި އުމުރަށް ފިލްމީ ދާއިރާ ދޫކޮށްލައިފައެވެ.

ފިލްމީ ދާއިރާގައި ހަރަކާތްތެރިވި ދުވަސްވަރު އީސަ އަކީ އަމިއްލައަށް ލަވަ ހެދި މީހެކެވެ. "އަންނަނީ ފެންވަރުވަން" އަދި "މައުނަވީ އާލަމުން" ފަދަ ލަވަތަކަކީ އީސަގެ ލަވަތަކެވެ. ލަވަ ހެދިނަމަވެސް އެ ދުވަސްވަރު އީސަ އަކީ ޅެން ވެރިކަމުގައި އުޅުނު މީހެއް ނޫނެވެ.

ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގައި ގިނަ ބަޔަކަށް އެނގޭ އީސާ ޝަރީފް މިފަހަރު ގެނެސްދިނީ ފިލްމެއް ނޫނެވެ. އީސަގެ ޅެންތަކާއި އިތުރު ޝާއިރުންގެ ޅެންތައް ހިމެނޭ ޅެން ފޮތެކެވެ. "އެފަރާތް" ގެ ނަމުގައި ރޭ ވަނީ އެ ފޮތް ނެރެފައެވެ.

މިފަދަ ފޮތެއް ނެރުމުގެ ހިޔާލު އައި ގޮތް ހިއްސާ ކުރަމުން އީސަ ބުނީ ކުރިން ލަވަ ހެދި ނަމަވެސް އެއްގޮތަކަށް ވެސް ޅެން ނުހަދާ ކަމަށެވެ. ދިވެހި ބަހުގެ އުސްތާޒު އާދަމް ނަސީރަކީ އީސަގެ ގާތް ރައްޓެއްސެއް ކަމަށާއި އާދަމް ނަސީރު ކިޔަވައި ދެއްވުމުގެ ތެރެއިން އީސަގެ ލަވަތައް ބޭނުންކުރާކަމަށް ބުނުމުން ޅެން ފޮތެއް ނެރުމުގެ ޝައުގު އުފެދުނީ ކަމަށް އޭނާ ބުންޏެވެ.

އީސާ ޝަރީފްގެ ޅެން ފޮތް އެފަރާތް ގެ ކަވަރު --- ފޮޓޯ: އީސާ ޝަރީފް

"ޅެން ހެދުމުގެ ބޭސިކް އަޅުގަނޑު ދަސްކުރީ އާދަމް ނަސީރުގެ ކައިރިން. ލަވަ ހެދުމާ ގުޅުން ހުރި ކަމަކަށް ވީމަ ވަރަށް ފަސޭހަވި،" އީސަ ބުނި ގޮތުގައި ޅެންވެރިންގެ ވައިބާ ގްރޫޕުގެ ސަބަބުންވެސް މި މަސައްކަތަށް ވަރަށް ބޮޑު އިންސްޕިރޭޝަނެއް ލިބުނެވެ.

އީސަގެ "އެފަރާތް" ޚާއްސަކޮށްފައިވަނީ އޭނާގެ ބައްޕަ އަދި ޅެންވެރިޔާ މަރުހޫމް ބެއްޔަ ހުއްތު އަށެވެ.

ފޮތުގައި އީސަގެ 110 ޅެން ހިމަނާފައިވާއިރު އީސަގެ ބައްޕަ މަރުހޫމް ބެއްޔަ ހުއްތު، މަރުހޫމް މުހުތާރު ފަހުމީ، އާދަމް ނަސީރު، ރަމްލާ އަބްދުލް ޣަނީ އަދި ޒުވާން ޅެންވެރިޔާ އަލީ ނައުފަލްގެ ޅެންތައްވެސް ހިމަނާފައިވެއެވެ.

ޖުމުލަ 290 ސަފުހާގެ މި ފޮތް އެކުލަވާލާފައިވަނީ ޅެމުގައި ބޭނުންކޮށްފައިވާ އާންމު ނޫން ލަފުޒުތައް އެހާލަތަކާ ގުޅުވައިގެން ބޭނުންކޮށްފައިވާ މާނަ ޅެމުގެ ތިރީގައި ލިޔެގެންނެވެ. މި ފޮތަކީ ދިވެހި ބަހަށް އަހުލުވެރި ނޫން މީހުންނަށާއި އާ ބަސްތައް ދަސްކުރަން ބޭނުންވާ ފަރާތްތަކަށްވެސް ބޮޑު އެހީއަކަށް ވާނެއެވެ.

ފޮތުގައި ހުރިހާ ރަހައެއްގެ ޅެންތައް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި އިޝްގާއި ލޯބި، ނަސޭހަތް، ފަލްސަފާ، ސިފަކުރުން އަދި ދީނާ ތާރީޚުގެ ޅެންތައް ހިމެނެއެވެ. ޖުމުލަ 170 ޅެން "އެފަރާތް" ފޮތުގައި ވަނީ ހިމަނައިފައެވެ.

އީސަގެ ފޮތާ ގުޅޭގޮތުން އާދަމް ނަސީރު ވިދާޅުވެފައިވަނީ "އެފަރާތް" އަކީ ރާއްޖޭގައި ނިކުމެފައިވާ ޅެން ފޮތްތަކާ އަޅާ ބަލާއިރު ތަފާތު ފޮތެއް ކަމަށެވެ. އެ ފޮތުގައި ތަފާތު ރަހަތައް އެކުލެވޭ ކަމަށާއި އެއީ ޅެންވެރިކަމުގެ ކަނޑަށް އީސާ ދޫކުރެއްވި މުތެއް ކަމަށް ވެސް އާދަމް ނަސީރު ވަނީ ވިދާޅުވެފައެވެ.

މި ފޮތް މާދަމާ އިން ފެށިގެން ޗާނދަލިޔާގެ ބުކްޝޮޕްތަކުން ލިބެން ހުންނާނެއެވެ. އަގަކީ 75 ރުފިޔާއެވެ. އިތުރު އައުޓްލެޓަކުން މި ފޮތް ވިއްކަން ޝައުގުވެރިވާނަމަ ފާތިމަތު ނިޒާރު (7793432) ނުވަތަ އީސާ ޝަރީފް (9922668) އާ ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.