18 Jan 2018, 12:15
ކޮޕާ ޑެލް ރޭ ކުއާޓާރ ފައިނަލްގެ ފުރަތަމަ ލެގުގައި އެސްޕަންޔޯލްއާ ވާދަކޮށް ބާސެލޯނާ މި ސީޒަންގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެއްޖެއެވެ.
ކެޓަލަންގެ ވާދަވެރި ދެ ކްލަބު، އެސްޕަންޔޯލްގެ އާރްސީޑީއީ ސްޓޭޑިއަމްގައި ކުޅުނު މެޗުން އެސްޕަންޔޯލް މޮޅުވި ލަނޑު 88 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އޮސްކާ މެލެންޑޯއެވެ.
ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑް އަތުން ހޯދި ކާމިޔާބީއާއެކު މި ސީޒަންގައި މެޗަކުން ބަލިނުވެ 29 މެޗު ހަމަކޮށް، އެ ސިލްސިލާ 30އަށް އެރުވުމަށް ނުކުތް މެޗުގައި ބާސާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ، ލިއޮނަލް މެސީ އަތުން އެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.
އެސްޕަންޔޯލްގެ އާ ސްޓޭޑިއަމްގައި އެޓީމަށް މީގެ ކުރީން ބާސާ އަތުން މޮޅުވެވިފައެއް ނުވެއެވެ. އަމިއްލަ ދަނޑުގައި މީގެ ކުރިން، އެންމެ ފަހުން ބާސާއަތުން އެސްޕަންޔޯލް މޮޅުވެފައި ވަނީ 2007 ވަނަ އަހަރުއެވެ. އޭރު އެޓީމުގެ ކޯޗަކަށް ހުރީ މިހާރު ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭއެވެ.
ކޮޕާ ޑެލް ރޭގެ ކުއާޓަރ ފައިނަލްގައި ރޭ ސެވިއްޔާ ވަނީ އެތުލެޓިކޯ މެޑްރިޑް އަތުން 2-1 ލަނޑުން މޮޅުވެފައެވެ. މި މެޗުގައި ޑިއެގޯ ކޮސްޓާ އެތުލެޓީކޯއަށް ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 79 ވަނަ މިނިޓްގައި ސެވިއްޔާގެ މިގުއެލް އެންޖެލް މޮޔާ ނަތީޖާ ހަމަހަމަކޮށްދިން އިރު، އެޓީމު މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ޔޯކިން ކޯރެއާއެވެ.
މީގެ އިތުރުން މި މުބާރާތުގައި ރޭ ވެލެންސިއާ ވަނީ، ފަހަތުން އަރައި 2-1ގެ ނަތީޖާއަކުން އަލަވޭސްގެ މައްޗަށް ކުރި ހޯދައިފައެވެ.